މާރިޔާއަށް ދިންކަމަށް ބުނާ މައުލޫމާތާއި ހަމަލާއާ ގުޅުމެއް ނެތް: ފުލުހުން

ޖުލައި 24، 2010: ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް -- ސަން ފޮޓޯ/

މޭ މަހުގެ ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދިއަށް ދުރާލާ ލިބުނު މައުލޫމާތާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

މި ހަމަލާގެ ތަހުގީގާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މިނިސްޓަރު މާރިޔާއަށް ހަމަލާގެ މައުލޫމާތު ދުރާލާ ލިބިފައިވާކަމުގެ މައުލޫމާތު ތަހުގީގުގައި ހިމެނޭކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ތިން މިލިއަން ޑޮލަރު ހުށަހެޅިކަމަށް އާންމު ފަރާތަކުން ލިބުނު މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ހަމަލާގެ ކުރިން މިނިސްޓަރު މާރިޔާއާ ހިއްސާކުރައްވާފައެވެ. އެެހެންނަމަވެސް އެ މައުލޫމާތަކީ "ކްރެޑިބަލް، އެކްޝަނަބަލް އިންޓެލިޖެންސެއް" ނޫންކަމަށް މިނިސްޓަރު މާރިޔާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މިނިސްޓަރު މާރިޔާ ވަނީ އެ މައުލޫމާތަކީ "މައުލޫމާތެއް" ނޫންކަމަށާއި އަދި ހަމައެކަނި ފޯނު ކޯލެއްކަމަށްވެސް ސިފަކޮށްފައެވެ. އެކަމާ ގުޅިގެން ބައެއް އާންމުންނާއި ރައީސް ނަޝީދުގެ ސަޕޯޓަރުން އަދި އާއިލާއިންވެސް ވަނީ މިނިސްޓަރު މާރިޔާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް، މިނިސްޓަރުގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ.

އޭސީޕީ ރިޔާޒް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވި މައުލޫމާތަކީ މި ހަމަލާއާއި ގުޅުމެއް ހުރި މައުލޫމާތެއްކަމަށް ފާހަގަކުރެވިފައި ނުވާކަމަށެވެ.

"އިލްޔާސް ދިން މައުލޫމާތާއި މި ހަމަލާ ދިން މީހުންގެ އަމަލުތަކާ ސީދާ ގުޅުވޭނެ ހެކިތަކެއް ލިބިފައިނުވޭ," ރިޔާޒް ވިދާޅުވިއެވެ.

ފުލުހުން ވަނީ ރޭގެ ބައްދަލުވުމުގައި ހަމަލާއަކީ ބަޔަކު ފައިސާ ހުށަހަޅައިގެން ހިންގި ހަމަލާއެއް ނޫންކަމަށްވެސް ތަހުގީގަށް މިހާތަނަށް ހޯދުނު މައުލޫމާތުގެ އަލީގައި ބުނެފައެވެ.

ރިޔާޒް އިތުރަށް ވިދާޅުވި ގޮތުގައި ހަމަލާގެ ތަހުގީގަށް އަދި ރައީސް ނަޝީދުގެ ފަރާތުން އެއްވެސް ބަހެއް ލިބިފައިނުވާކަމަށެވެ. އަދި ރައީސް ނަޝީދު މާލޭގައި ހުންނެވި އިރު ރައީސް ނަޝީދު އަރިހުން މައުލޫމާތު ސާފުކުރުމަށް ފުލުހުން އެދުނުކަމަށެވެ. ނަމަވެސް ތަހުގީގުގެ ކުރީކޮޅަށްވުމާއެކު އަދި ރައީސް ނަޝީދު ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދަވަމުން ދިޔުމާއެކު އެވަގުތު އެކަމަށް އެމަނިކުފާނު އުޒުރުވެރިވެވަޑައިގެންނެވިކަމަށް ރިޔާޒް ވިދާޅުވިއެވެ.

އަދި އޭގެ ފަހުންވެސް އެކި ފަހަރު މަތިން ރައީސް ނަޝީދުގެ ބަސްފުޅެއް ހޯދަން މަސައްކަތްކުރިނަމަވެސް އަދިވެސް އެކަން ކާމިޔާބު ނުވާކަމަށް ރިޔާޒް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭއިން ބޭރުގައި ފަރުވާ ހޯއްދަވަމުން، އީމެއިލް ނުވަތަ ސިޓީއަކުންވެސް ރައީސް ނަޝީދުގެ ފަރަތުން މައުލޫމާތު ފޯރުކޮށްދިނުމަށް ފުލުހުން އެދިފައިވާނޭކަމަށް އޭސީޕީ ރިޔާޒް ވިދާޅުވިއެވެ.

comment ކޮމެންޓް