"އެމީހުން ދެކެނީ ދައުލަތުން ދޭ މުސާރަ ހަލާލު ނޫންކަމަށް، އެކަމަކު އިންކަމް ސަޕޯޓު ހޯދި"

ޖުލައި 24، 2010: ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް -- ސަން ފޮޓޯ/

ހައެއް މޭގެ ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން ދައުލަތުން ދޭ އާމްދަނީ އާއި މުސާރައަކީ ހަރާމް އެއްޗެއްކަމުގައި ދެކުނު ނަމަވެސް ދައުލަތުގެ އިންކަމް ސަޕޯޓް އެލަވަންސަށް އެދިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި ހަމަލާގެ ތަހުގީގާ ގުޅޭ މައުލޫމާތު ދިނުމަށް ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އެމީހުން ގަބޫލުކުރާ ގޮތުގައި ރާއްޖެއަކީ ކުފުރުގެ ބިމެއްކަމަށެވެ. އަދި ދައުލަތުގެ އިސްވެރިންނާއި، މަޖިލީސް މެމްބަރުންގެ އިތުރުން، ސަލާމަތީ ހިދުމަތްތަކުގައި ތިބޭ މީހުންނަކީ ތާޣޫތުންގެ ގޮތުގައި އެމީހުން ދެކޭ ކަމަށެވެ.

"ދައުލަތުގެ އިސްވެރިންނާއި ދައުލަތުން ދޭ މުސާރަ ނަގާ މީހުންގެ ލެޔާއި މުދާ ހުއްދަކޮށްގެން އަދި އާންމުކޮށް ވިޔަފާރިވެރިންގެ ގޮތުގައި އުޅޭ ވިޔަފާރިވެރިންގެ ވިޔަފާރީން ވިޔަފާރިކުރުމަކީ ހަރާމްކަމެއްގެ ގޮތުގައި ދެކޭ." އޭސީޕީ ވިދާޅުވިއެވެ.

ރިޔާޒު އިތުރަަށް ވިދާޅުވީ ދައުލަތުގެ މުސާރަ ނަގާ އެމީހުންގެ އެކުވެރިންގެ ގޮތުގައި ތިބޭ މީހުންވެސް އެ މަގާމުތަކުން ދުރުކުރުމަށް މަސައްކަތްކޮށްފައިވާކަމަށެވެ.

"މިދެންނެވި ވިސްނުން ޕޯޓްރޭކުރުމަށް މި މީހުން މަސައްކަތްކޮށްފައިވީ ނަމަވެސް މީގެ ތެރެއިން ބައެއް މީހުންނަކީ ހަމަ ދިވެހިރާއްޖޭގެ ދައުލަތުން ހަރަދުކުރާ ފައިސާ އެމީހުންގެ އަމިއްލަ ބޭނުންތަކަށް ހަރަދުކުރާ ބައެއް. މިގޮތަށް ދައުލަތުގެ އިންކަމް ސަޕޯޓް އެލަވަންސް ހޯދުމާއި، އެންސްޕާ ފަދަ އިދާރަތަކަށް ހުށަހަޅައިގެން މާލީ އެހީތެރިކަން ހޯދާކަން ފާހަވޭ. އަދި މިކަންކަން ކޮށްފައިވަނީވެސް ސައްހަ ނޫން ޑޮކިޔުމަންޓުތައް ބޭނުންކޮށްގެން," ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ މި ކަންކަން ޔަގީންވާ ވަރަށް ހެކި ލިބިފައިވާކަމަށެވެ. މީގެ އިތުރުން މި މީހުންގެ ވިސްނުން މިގޮތަށް ހުރިކަމުގައި ވީނަމަވެސް އެއަށް އެމީހުން އަމަލުނުކުރާ ކަމަށެވެ. އަދި މުޖުތަމައުގެ އެހެން މީހުން ވިސްނުމުގެ ތެރެޔަށް ގެންދިޔުމަށް އެކި އުކުޅުތައް ބޭނުން ކުރަމުން އަންނަކަމަށެވެ.

މި ހަމަލާއާއި ގުޅިގެން މިހާރުވަނީ ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅާފައެވެ. އަދި އިތުރު ހަ މީހެއްގެ މައްޗަށް އިތުރަށް ތަހުގީގު އަންނަނީ ހިންގެމުންނެވެ.

comment ކޮމެންޓް