ކެޕްޓަން އިންޑިއާގެ ފަސްޓްލުކް ދައްކާލައިފި

ފިލްމުގެ ޕޯސްޓަރު---

ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރު ކާތިކް އާރްޔަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ކެޕްޓަން އިންޑިއާ"ގެ ފަސްޓްލުކް ދައްކާލައިފިއެވެ.

އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށާ މި ފިލްމަކީ ހެންސަލް މެހެތާގެ ޑައިރެކްޝަނުގެ ދަށުން އާންމުންނާ ހަމައަށް އަންނަ ފިލްމެކެވެ. މި ފިލްމަކީ ހަގީގީ ހާދިސާއަކުން އިންސްޕަޔާވެގެން އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ކިޔާދޭނީ އެތައް ހާސް ބަޔަކު ސަލާމަތް ކުރަން މީހަކު ކުރާ ހިއްވަރާ މަސައްކަތެވެ.

މި ފިލްމުގައި ކާތިކް އާއެކު ދެން ފެނިގެންދާނީ ކޮންކޮން ތަރިންނެއް ކަމެއް އަދި ހާމަކޮށްފައެއްނުވެއެވެ. ދާދި ފަހުން ކަރަން ޖޯހަރުގެ "ދޯސްތާނާ 2" އިން ވަކިވި ކާތިކް ވަނީ އޭގެ ފަހުން ދެ ފިލްމެއްގެ މަސައްކަތް ކުރުމަށް ސޮއިކޮށްފައެވެ. އެއީ ކެޕްޓަން އިންޑިއާގެ އިތުރުން ނޭޝަނަލް އެވޯޑު ހޯދާފައިވާ ކުޅަދާނަ ޑައިރެކްޓަރު ސަމީރު ވިދްވަން ޑައިރެކްޓްކުރާ ފިލްމު "ސަތިއަނާރަޔަން ކީ ކާތާ" އެވެ.

ކާތިކްގެ އަތުގައި މިވަގުތު ވެސް ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި "ދަމާކާ"، "ބޫލް ބުލައްޔާ 2" އަދި ނަން ހާމަނުކުރާ އޯމް ރައުތުގެ ފިލްމެކެވެ.

comment ކޮމެންޓް