ރައީސް ނަޝީދަށް މުރައިދޫގެ، އުއްތަމަފަނޑިޔާރަށް ރެހެންދި ފްލެޓެއް

މުރައިދޫގެ -- ސަން ފޮޓޯ/ފަޔާޒް މޫސާ

ދައުލަތުން މަޖިލީހުގެ ރައީސްއަށާއި އުއްތަމަފަަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސައިދޭ ގާނޫނުގެ ދަށުން ރައީސް މުހައްމަދު ނަޝީދަށް މުރައިދޫގެ އަދި އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ރެހެންދި ފްލެޓުން އެޕާޓްމެންޓެއް ހަމަޖައްސަން ސަރުކާރުން ނިންމައިފިއެވެ.

ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅު ހަމަޖައްސައިދިނީ ދެ ގާނޫނަކަށް އިސްލާހު ގެނެސްގެންނެވެ. އެ ދެ ގާނޫނަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ ޖޫން 30 ވަނަ ދުވަހުއެވެ.

ސަރުކާރުގެ ފަރާތުން ރަސްމީކޮށް އަދި މިކަން އިއުލާންކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އިތުބާހުރި މަސްދަރަކުން ވަނީ ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ދެ ގެކޮޅު ހަމަޖައްސަން ނިންމާފައިވާކަން ކަށަވަރުކޮށްދީފައެވެ.

އެގޮތުން މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދަށް ހަމަޖައްސަނީ ޖަސްޓީސް ބިލްޑިންގް ކައިރީގައި ހުންނަ މުރައިދޫގެ އެވެ. އަދި އުއްތަމަފަނޑިޔާރު މުއުތަސިމްއަށް ހަމަޖައްސަނީ ރެހެންދި ފްލެޓުން އެޕާޓްމެންޓެކެވެ.

ސަރުކާރުން މިކަން ރަސްމީކޮށް އިއުލާންކުރައްވާނީ އެތަނުގެ ސެކިއުރިޓި ކްލިއަރެންސްގެ ކަންކަން ހަމަޖެހުމުންނެވެ.

ރެހެންދި ފްލެޓް.

ދެ ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖައްސަން އިސްލާހު ގެނައި ދެ ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ގެނައި އެއްވަނަ އިސްލާހާއި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ގެނައި ހަ ވަނަ އިސްލާހެވެ.

މި ދެ އިސްލާހުގެ ދަށުން ދައުލަތުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ދިރިއުޅުއްވާނެ ރަސްމީ ތަނަކާއި، އެ ތަނަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި، އެ ތަނަށް ހިނގާނެ ހަރަދުގެ އިތުރުން އުއްތަމަފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ދިރިއުޅުއްވާ ރަސްމީ ތަނަކާއި، އެ ތަނަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި، އެ ތަނަށް ހިނގާނެ ހަރަދު ހަމަޖައްސައިދިނުމަށް ވަނީ ނިންމައިފައެވެ.

އަދި އެ ދެ ގެކޮޅުގެވެސް ސަލާމަތީ ކަންކަން ބަލަހައްޓާނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ދައުލަތުން ދެ ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖައްސަން ނިންމާފައިވަނީ ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ނުރައްކާތެރި ޓެރަރިސްޓު ހަމަލާއެއް ދިންތާ މާ ގިނަ ދުވަސްތަކެއް ނުވަނީސްއެވެ.

ދެ ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖައްސާ އިސްލާހު މަޖިލީހުން ފާސްކުރީ ޖޫން 21 ވަނަ ދުވަހުއެވެ. އެ އިސްލާހުތައް މަޖިލީހަށް ހުށަހަޅާފައިވަނީ މޭ 26 ވަނަ ދުވަހުއެވެ.

comment ކޮމެންޓް