މިފްކޯއިން 2،500 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެއް ގަނެފި

މިފްކޯއިން ގަތް ބޯޓު --- ފޮޓޯ: ކެޕްޓަން ހުސައިން ފައިސަލް/ޓްވިޓާ

މޯލްޑިވްސް ފިޝަރީޒް އިންޑަސްޓްރިއަލް ކޮމްޕެނީ (މިފްކޯ) އިން 2,500 ޓަނުގެ މަސް ރައްކާކުރެވޭވަރުގެ ބޯޓެއް ގަނެފިއެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ "ސަން" އަށް ވިދާޅުވީ މި ބޯޓު ގަތީ ތައިލޭންޑުން, 1.8 މިލިއަން ޑޮލަރަށް ކަމަށެވެ.

އޭނާ ވިދާޅުވީ މި ބޯޓާއެކު މިފްކޯއަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން މި ބޯޓާއެކު މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ އަހަރުގެ މި މުއްދަތުގައި އުތުރުގައި މަސްވެރިކަން ވަރަށް ރަނގަޅު. އެހެންނަމަވެސް ސްޓޯރޭޖުގައި ހުރި ދަތިތަކެއް އަޅުގަނޑުމެންނަށް އައީ," ފައުޒީ ވިދާޅުވިއެވެ.

މީގެ އިތުރުން މިފްކޯގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވީ ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ކުރުމަށްވެސް މި ބޯޓުގެ ބޭނުން ކުރާނެކަމަށެވެ. އަދި މި ބޯޓަކީ އެ ކުންފުނީގެ އަމިއްލަ ބޯޓެއްކަމުން އެ ބޭނުންކޮށް ހިދުމަތް ދިނުމުގައި ފަސޭހައިން ފުރުސަތު ލިބިގެންދާނެކަމަށެވެ.

"މަސްވެރިން މަސް ބޭނުމަށް މިދަނީ މ. އަތޮޅު ނޫނީ ރ. އަތޮޅު ހިސާބަށް. ދެން އެހިސާބުގައި މަސްވެރިކަން ރަނގަޅުނަމަ މަސް ބާނައިގެން ފެލިވަރަށް އެ ދަނީ. އެހެންވެ އެކަމަށް ހައްލެއް ހޯދަންވެގެން އަޅުގަނޑުމެން ސްޓޯރޭޖުގެ މައްސަލަ މި ހައްލު ކުރަނީ," އޭނާ ވިދާޅުވިއެވެ.

ފައުޒީ އިތުރަށް ވިދާޅުވީ މިފްކޯއިން މަސްވެރިންގެ ކަންބޮޑުވުންތައް ގާތުން ބަލަމުން އަންނަކަމަށެވެ. އަދި މައްސަލަތައް ހައްލުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

comment ކޮމެންޓް