ރަށުތެރޭގައި ކޮވިޑެއް ނެތް، އީދު ކުޅިވަރު ކުޅެނީ ރައްޔިތުން އެދިގެން: ކިނބިދޫ ކައުންސިލް

ތ. ކިނބިދޫ ---

މޮނީޓަރިންގައި އޮތްނަމަވެސް ތ. ކިނބިދޫގައި ކޮވިޑް-19 ބަލި ފެތުރެމުން ނުދާކަމަށާއި އީދު ކުޅިވަރު ކުޅެމުންދަނީ ރަށުގެ ރައްޔިތުންގެ އެދުމާއެކުގައި ކަމަށް ތ. ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސައިން ވިދާޅުވެއްޖެއެެވެ.

މާލެއިން ތ. ކިނބިދޫއަށް މި ފަހުން ދިޔަ އާއިލާއެއްގެ ތެރެއިން ކުޑަކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެޗްޕީއޭއިން އެ ރަށް މޮނިޓަރިންއަށް ލީ 21 ޖުލައި ގައެވެ. އެއީ ވަޅު އީދު ދުވަހެވެ. އެހެން ނަމަވެސް އެ ރަށުގައި އީދު ކުޅިވަރު ކުޅުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމުން ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިނބިދޫ ކައުންސިލުގެ ރައީސް އަލީ ހުސައިން "ސަން"އަށް ވިދާޅުވީ އެޗްޕީއޭއިން ކިނބިދޫ މޮނިޓަރިންއަށް ލީ ވާހަކަ އެރަށު ކައުންސިލަށް ފުރަތަމަ ރަސްމީކޮށް ނުވެސް އަންގާ ކަމަށެވެ. އަދި ރަށުތެރެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ނުވާތާ ދެ މަސް ވީ އިރު ރަށުތެރެއިން ބަލީގެ އަލާމާތެއް ހުރި މީހަކުވެސް ފެނިފައި ނުވާ ކަމަށާއި, އެ ހާލަތުގައި ރަށް މޮނިޓަރިންގައި އޮންނަންވީ ސަބަބެއްވެސް އޭނާއަށް ނުވިސްނޭކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/154530

ކިނބިދޫއަށް ދިޔަ އާއިލާއެއްގެ ތެރެއިން ކުޑަކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންއަށް ލުމާއެކު އެޗްޕީއޭއިން ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލްތަކާއި އެރަށުގައި ރެންޑަމް ސާމްޕަލްތަކެއްވެސް ނެގި ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

"އެބޭފުޅުން ނެގި ރޭންޑަމް ސާމްޕަލްތަކެއް. ރޭންޑަމް ސާމްޕަލްތައްވެސް އަދި ޑައިރެކްޓު ކޮންޓެކްޓުތައްވެސް ވަނީ ނެގެޓިވްވެފައި. އަޅުގަނޑުމެން ސާމްޕަލްތަކުގެ ނަތީޖާ ލިބެންދެން އަދި މޮނިޓަރިންއަށް ލީ ހިސާބުން އީދު ކުޅިވަރުތައް ވާނީ ހުއްޓާލާފައި. ރައްޔިތުން އިންތިޒާރުކުރީ ނަތީޖާއަށް," އޭނާ ވިދާޅުވިއެވެ.

ރަށުގެ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ގެންދަން ބޭނުން ނުވާކަމަށާއި ރައްޔިތުންވެސް އެދެނީ އެޗްޕީއޭއަށް އެއްބާރުލުން ދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލުގެ ރައީސް އަލީ ހުސައިން ވިދާޅުވީ ކިނބިދޫ މޮނިޓަރިންއަށް ލީކަމުގެ ނޯޓިސް އެޗްޕީއޭއިން ކައުންސިލަށް ރައްދު ކުރި އިރު, އީދު ކުޅިވަރު ހުއްޓާލުމަށް އޭގައި އަންގާފައި ނުވާކަމަށެވެ.

އެހެން ނަމަވެސް އެޗްޕީއޭގެ އުސޫލާ އެއްގޮތަށް ރަށަށް މީހުން އަރައި ފޭބުން ހުއްޓާލެވިފައިވާނެ ކަމަށާއި އެރަށުގައި މިވަގުތު އީދު ކުޅިވަރު ކުރިއަށް ދިޔަ ނަމަވެސް އެޗްޕީއޭއިން އަންގައިފި ހާލަތެއްގައި އެކަންކަންވެސް ވަގުތުން ހުއްޓާލާނެކަމަށް ކިނބިދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

"ހުރިހާ ރަށެއްގައިވެސް ކުޅިވަރުތައް ކުޅޭ. ތަފާތަކީ މި ރަށް މޮނިޓަރިންގެ ލޭބަލްގައި އޮތުން." އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ގިނަ މީހުން އެއްވެ ބާއްވާ އީދު ކުޅިވަރާއި އެހެން ރަށްރަށުން މީހުން އައިސް ބާއްވާ މުބާރާތްތައް ނުބޭއްވުމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ އިލްތިމާސްކޮށްފައެވެ. އެކަމަކުވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި އީދު ކުޅިވަރުތައް ކުޅެމުން ދިޔަ އިރު, މާލޭގައިވެސް ވަނީ މަގުމަތީގައި ހަރަކާތްތަކެއް ބާއްވާފައެވެ. ކުޅެފައެވެ.

އެޗްޕީއޭއިން ރަށެއް މޮނިޓަރިން ހާލަތަށް ލަނީ އެ ރަށުގައި ދިރިއުޅޭ މީހުންގެ މެދުގައި ކޮވިޑް-19 ބަލި އުޅެންޏާއެވެ. ނަމަވެސް ފުރަބަންދު ކަރަންޓީނުގައި ހުންނަ މީހަކު ނަގާ ރިލީޒް ސާމްޕަލް ޕޮޒިޓިވް ވެގެން ރަށް މޮނިޓަރިންއަކަށް ނުލާނެއެވެ.

comment ކޮމެންޓް