ޒުވާނުންތަކެއް ނުކުމެ ޗައިނާއާ ދެކޮޅަށް އަޑުއުފުލައިފި

ޗައިނާއާ ދެކޮޅަށް ޒުވާނުންތަކެއް މާލޭގައި ކުރި މުޒާހަރާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ހުންނަ ޗައިނާ އެމްބަސީ ހިމެނޭ ސަރަހައްދަށް ޒުވާނުންތަކެއް މިއދު އެއްވެ, ޗައިނާއާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާކޮށްފިއެވެ.

މުޒާހަރާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި "ސަން"ގެ ނޫސްވެރިއަކު ރިޕޯޓުކުރި ގޮތުގައި އެ މުޒާހަރާގައި ބައިވެރިވެފައިވަނީ 30 ވަރަކަށް ޒުވާނުންނެވެ.

ފުލުހުން ބުނި ގޮތުގައި ޗައިނާ އެމްބަސީ ހިމެނޭ ސަރަހައްދުގައި ބަޔަކު މުޒާހަރާކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދު ބަންދުކުރީއެވެ. މުޒާހަރާގެ ބައިވެރިން އައި އިރު ސަރަހައްދު ބަންދުކޮށްފައި އޮތުމުން އެމީހުންނަށް އެމްބަސީ ހިންގާ އިމާރާތާ މާ ކައިރިއަކަށް ނާދެވުނެވެ. އެހެންކަމުން އެމީހުން ތިބީ "ޗީބޯ ކެފޭ"އާ ދިމާލުގައި, ޗައިނާއާ ދެކޮޅު ޝުއޫރު ލިޔެފައި ހުރި ބޯޑުތަކެއް ހިފައިގެން އިހުތިޖާޖުކުރާށެވެ.

ޗައިނާއާ ދެކޮޅަށް ޒުވާނުންތަކެއް މާލޭގައި ކުރި މުޒާހަރާ -- ސަން ފޮޓޯ/ އިސްމާއިލް ޝާކިރު

އެމީހުން ފާޅުކުރި ބައެއް ޝުއޫރުތަކުގެ ތެރޭގައި ޗައިނާއިން ރާއްޖެ "ދަރަނި ދަންތުރައެއް"ގައި ޖައްސާފައިވާ ކަމަށާއި "ޗައިނާ ހުއްޓުވުމަށް" ގޮވާލާ ޝުއޫރުތައް ހިމެނެއެވެ. އަދި ޗައިނާގައި ވީގޫރު މުސްލިމުންނަށް ކުރަމުންދާ އަނިޔާ ހުއްޓާލުމަށާއި "ޗައިނާ އައުޓް" ފަދަ ޝުއޫރުތައްވެސް އެމީހުން ފާޅުކުރިއެވެ.

ޗީބޯ ކެފޭ ސަރަހައްދުގައި ތިބެ 15 ވަރަކަށް މިނިޓު ސުލްހަވެރިކަމާއި މަޑުމައިތިރިކަމާއެކު އިޖުތިޖާޖުކުރުމަށްފަހު އެމީހުން މިހާރު ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.

ޗައިނާއާ ދެކޮޅަށް ޒުވާނުންތަކެއް މާލޭގައި ކުރި މުޒާހަރާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާއާ ދެކޮޅަށް ޒުވާނުންތަކެއް މާލޭގައި ކުރި މުޒާހަރާ -- ސަން ފޮޓޯ/ އިސްމާއިލް ޝާކިރު

ފުލުހުން ބުނީ ޗައިނާ އެމްބަސީ ހިމެނޭ ސަރަހައްދު ބަންދުކޮށްފައިވަނީ އެ ސަރަހައްދުގައި ބަޔަކު މުޒާހަރާކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަަމަށެވެ.

މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށާއި ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރާނެކަމަށް އިންޒާރު ދީފައިވާތީ, އެ ދެ އިދާރާގެ ސެކިއުރިޓީ ފުލުހުން ވަނީ ވަރުގަދަ ކޮށްފައެވެ.

comment ކޮމެންޓް