ހަގީގީ ބާއްޖަވެރިކަމުގެ އަސާސަކީ އީމާންކަމާއި ކިޔަމަންތެރިކަން: ހުތުބާ

ޖެނުއަރީ 17، 2020: އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން: ހަގީގީ ބާއްޖަވެރިކަމުގެ އަސާސަކީ އީމާންކަމާއި ކިޔަމަންތެރިކަން ކަމަށް މިއަދުގެ ހުތުބާގައި ވަނީ ބުނެފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންސާނާ ހަގީގީ ބާއްޖަވެރިއަކަށް ވުމުގެ އަސާސަކީ އެމީހެއްގެ އީމާންކަމާއި، ކިޔަމަންތެރިކަންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ހަގީގީ ބާއްޖަވެރިކަން" މި މައުލޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ އުފާވެރި ދިރިއުޅުމެއް ހޯދުމަށް ކޮންމެ މީހަކުވެސް އެކި ކަންކަމުގައި އަވަދިނެތި އުޅުމުގެ ސަބަބުން، ބާއްޖަވެރިކަން ދެއްވުމަށް ވައުދުވެވޮޑިގެންނެވި ގަދަކީރިތިވަންތަ މާތްﷲ ގެ މަތިން ހަނދުމަކުރަންވެސް މީހުން ހަނދާން ނުހުންނަކަމަށެވެ.

އެގޮތުން ދުނިޔެމަތީގައި ކިތަންމެ ބޮޑު ބާރަކާއި މަތިވެރި ޖާހެއް ލިބުނަސް، އެމީހަކު މާތްﷲ އަށް އީމަން ނުވާނަމަ އެމީހަކީ ހަގީގީ ބާއްޖަވެރިއެއް ނޫންކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

"ހަގީގީ ބާއްޖަވެރިކަމަކީ، އަޅާ، ﷲ އަށް އީމާންވެ، އެކަލާނގެ އެންގެވި ގޮތް އިހްތިޔާރުކޮށް، އެކަލާނގެ ނަހީކުރެއްވި ކަންކަމާ ދުރުހެލިވުމުން، މާތްﷲ އޭނާގެ ހިތުގައި ލައްވާ ހަމަޖެހުމާއި، އުފާވެރިކަމުގެ ޝުއޫރެވެ." ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ އީމަންވެ ހުރެ ހެޔޮ އަމަލުކޮށްފި މީހަކަށް އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ދެވުމަށް މާތްﷲ ވައުދުވެވޮޑިގެންފައިވާ ކަމަށެވެ. އަދި އެކަލާނގެއަށް އީމާންވެއްޖެ މީހަކަށް ހަމަޖެހުމާއި އުފާވެރިކަން އިހުސާސް ކުރެވޭނެ ކަަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

"ހިތްހަމަޖެހުން ވަނީ ﷲ ތައާލާއަށް އީމާންވެ އެކަލާނގެއަށް ކިޔަމަންގަތުމުންނެވެ. އަދި އެއީ ބާއްޖަވެރިކަމުގެ ތަޅުދަނޑިވެސްމެއެވެ. ﷲ ތައާލާ އަށް އީމާންވެ، އެކަލާނގެއަށް ފުރިހަމަ ގޮތުގައި ކިޔަމަންގަނެގެން މެނުވީ އަޅާއަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ," ހުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން ހިތްހަމަޖެހުން ހޯދުމަށް ބޭކާރު ކަންކަން ކުރުން ހުއްޓާލައި، ހަގީގީ ބާޖަވެރިކަން އޭގެ މައްޗަށް ބިނާވެގެންވާ ދެ އަސާސުގައިވާ އީމާންކަމާއި، މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް އަވަސްވެގަތުމަށް އެންމެހާ ފަރާތްތަކަަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

comment ކޮމެންޓް