ރިސޯޓު މުވައްޒަފުންގެ 80 ޕަސެންޓު ވެކްސިން ފުރިހަމަކޮށްފި

ޖުލައި 19، 2021: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިސޯޓު މުވައްޒަފުންގެ 80 ޕަސެންޓް، ކޮވިޑް19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ޖުލައި މަހުގެ އުސްއަލިތަކުން ދައްކާ ގޮތުގައި ރިސޯޓު މުވައްޒަފުންގެ ތެރެއިން 97 ޕަސެންޓު މީހުން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފަ އެވެ. އޭގެ ތެރެއިން 80 ޕަސެންޓު މީހުން ވަނީ ދެ ޑޯޒު ފުރިހަމަކޮށްފަ އެވެ.

ފަތުރުވެރިން އައި އަދަދަށް ބަލާއިރު، މިއަހަރުގެ ޖުލައި މަހާ ހަމައަށް އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމުލަ އަދަދު ކަޑައްތުކޮށްފަ އެވެ.

މިދިޔަ އަހަރު ފަތުރުވެރިން އައި ޖުމުލަ އަދަދަކީ 555،494 އެވެ. އެހެން ނަމަވެސް މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް 575،931 ފަތުރުވެރިން ވަނީ އައިސްފަ އެވެ.

މިފަހުން ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އެވަރޭޖުކޮށް ދުވާލެއްގެ މައްޗަށް ފަތުރުވެރިން އަންނަ އަދަދުވެސް ވަނީ އިތުރުވެފަ އެވެ.

އެގޮތުން މި މަހުގެ ފުރަތަމަ ހަފުތާގައި އެވަރޭޖުކޮށް ދުވާލަކު އައީ 2،515 ފަތުރުވެރިންނެވެ. ތިންވަނަ ހަފުތާގައި އެ އަދަދު ވަނީ 4،102އަށް އިތުރުވެފަ އެވެ.

ވަކިވަކި މާކެޓުތަކަށް ބަލާއިރު މީގެ ކުރިންވެސް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާއާއި ރަޝިއާގެ މާކެޓު އަންނަނީ ދެމެހެއްޓެނެވި ގޮތެއްގައި ފުޅާވަމުންނެވެ. މިއަހަރުގެ އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެސް އެ ދެ ގައުމުންނެވެ.

މީގެ އިތުރުން ބޮޑު 10 މާކެޓުގެ ތެރޭގައި މެދުއިރުމައްޗާއި އިރުމަތީ ޔޫރަޕުގެ މުޅިން އައު ގައުމުތަކެއްވެސް މިއަހަރު ވަނީ ހިމެނިފަ އެވެ. އޭގެ ތެރޭގައި ރުމޭނިއާ، ކަޒަކިސްތާނު، އަދި ސައުދީ އަރަބިއްޔާ ހިމެނެ އެވެ.

މިއަހަރު ފަތުރުވެރިން އެންމެ ގިނައިން އައި މާކެޓުތަކުގެ ތެރޭގައި ހިމެނެނީ ރަޝިއާ، އިންޑިއާ، ޖާމަނީ، ޔޫކްރެއިން، ޔޫއެސްއޭ، ކަޒަކިސްތާން، ސައުދީ އަރަބިއްޔާ އަދި ޔޫކޭގެ އިތުރުން ރުމޭނިއާއާއި ފްރާންސް އެވެ.

ކޮވިޑްގެ ހާލަތާއެކުވެސް ފަތުރުވެރިކަމުގެ ސިނާއަތް މަޑުމަޑުން ހަމައަކަށް އެޅެމުންދާއިރު، މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީގެ 10 އެވޯޑަކާއި ވޯލްޑް ކްރޫޒް އެވޯޑްސްގެ އެއް އެވޯޑަށް ރާއްޖެ ވަނީ ނޮމިނޭޓްވެފަ އެވެ.

comment ކޮމެންޓް