ނަޑެއްލާގެ އެކްޓިވް ކޭސްތައް 102އަށް އަރައިފި، މިއަދު 14 މީހުން އަލަށް ޕޮޒިޓިވްވި

ގދ. ނަޑެއްލާ. --ފޮޓޯ/އައިލްސް

ގދ. ނަޑެއްލާއިން ފެނުނު ކޮވިޑުގެ ޖުމްލަ ކޭސްތައް 105 އަށް އަރައި، ކޮވިޑުގެ ހާލަތު ރާއްޖޭގެ އެންމެ ގޯސްވެފައިވާ އެއް ރަށަށް އެ ރަށް ވެއްޖެއެވެ.

ނަޑެއްލާއިން އެންމެ ފުރަތަމަ ކޮވިޑުގެ ކޭސްއެއް ފެނުނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެރަށުން މިހާތަނަށް ޖުމްލަ 105 ކޭސް ފެނިފައިވާކަމަށް ނަޑެއްލާ ކައުންސިލް ރައީސް މުހައްމަދު އަންޝާއު "ސަން" އަށް މިރޭ ވިދާޅުވިއެވެ. އަދި އޭގެ ތެރެއިންވެސް ގިނައީ އެކްޓިވް ކޭސްކަމަށް އޭނާ ވިދާޅުވިއެވެ.

އެކްޓިވް ކޭސްތަކުގެ ގޮތުގައި އެ ރަށުގައި މިވަގުތު 102 ކޭސް އެބަހުރިކަމަށް އަންޝާއު ވިދާޅުވިއެވެ. ބަލިން ރަނގަޅުވީ ޖުމްލަ ތިން މީހުންނެވެ.

"މިއަދު ރަށުން ޖުމްލަ 14 ކޭސް އަލަށް ފެނުނު،" އަންޝާއު ވިދާޅުވިއެވެ.

ނަޑެއްލާއިން ފެނުނު އެންމެ ފުރަތަމަ ކޮވިޑް ކޭސްއަކީ އެ ރަށުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހެކެވެ. އެމީހާ ޕޮޒިޓިވްވިކަން އެނގުނީ ބަލިހާލަތު ގޯސްވެގެން ތިނަދުއަށް ގެންގޮސް ޓެސްޓުކުރުމުންކަމަށް އަންޝާއު ވިދާޅުވިއެވެ.

"އެއީ އަނެއްހެން ރަށުން ބޭރަށް ދަތުރުކޮށް އުޅުނު ބޭފުޅެއްވެސް ނޫން، އަޅުގަނޑުމެންނަށް އެ ކޭސް ދަނެގަނެވުމާއެކު ފިޔަވަޅުތައް އެޅިން. އެގޮތުން އެ ކޭސްއާއި ގުޅިގެން ކޮންޓެކްޓްވި އެންމެން ކަރަންޓީނު ކުރުމަށްފަހު، ބައްޔަށް ޝައްކުވެގެން ރަށު ތެރެއިން ސާމްޕަލް ނަގަންވެސް ފެށިން،"

"ދެން އެހިސާބުން އެނގުނީ ރަށު ތެރޭގައި މި ބަލި އެބަ އުޅޭކަން، ކޮމިއުނިޓީ ސްޕެރަޑަކަށް ނަޑެއްލާ ގޮއްސަ އޮތްކަން،" އަންޝާއު ވިދާޅުވިއެވެ.

ފުރަތަމަ ކޭސްއާއެކު އެރަށުން ބައްޔަށް ޝައްކުވެގެން ޓެސްޓުކުރި 10 މީހުންގެ ތެރެއިން ނުވަ މީހުން ބައްޔަށް ޕޮޒިޓިވްވިކަމަށް އަންޝާއު ވިދާޅުވިއެވެ. އަދި ރަށަށް ބަލި އައި ގޮތް އަދިވެސް ދެނެގަނެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރު ރަށުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު އަންޝާއު ވިދާޅުވީ ކައުންސިލުން މިހާރު މަސައްކަތްކުރަމުން ދަނީ ފުލް ލޮކްޑައުންއަކަށް ދިޔުމަށްކަމަށެވެ. އަދި އެ ހާލަތާއެކުގައިވެސް ރަށުތެރެއިން އާންމުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަމަށް އަންޝާއު ވިދާޅުވިއެވެ.

comment ކޮމެންޓް