އިރުމަތީ ޔޫރަޕުގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށަން މަޝްވަރާ ކުރަނީ

ރަޝިއާއާއި އިރުމަތީ ޔޫރަޕުން ރާއްޖެއަށް އިތުރު އެއާލައިންތަކުގެ ދަތުރުތައް ފެށުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުން ކުރިއަށްގެންދިޔައީ ރަޝިއާގައި ގާއިމުކޮށްފައިވާ ދިވެހި ޓުއާ އޮޕަރޭޓަރެއް ކަމަށްވާ ރިސޯޓް ލައިފް ހޮލިޑޭސް އާއި ރެޑްވިންގްސް އެއާލައިންއާ ގުޅިގެންނެވެ.

މޮސްކޯއާއި ރާއްޖެއާ ދެމެދު ސީދާ ފުލައިޓްތައް ފެށުމަށް މަޝްވަރާކޮށް އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރު މައުސޫމް ވަނީ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި މައުލޫމާތު ރެޑްވިންގްސް އެއާލައިން އޮޕަރޭޓުކުރާ ޒިއާ ޓުއާސް އާއި މޮސްކޯގެ ޒުކޮވުސްކީ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީއީއޯ ތޯމަސް ވައިސްވިލާއަށް ހިއްސާކުރައްވާފަ އެވެ.

ބައްދަލުވުމަށްފަހު ޒިއާޓުއާސްއާއި ރިސޯޓްލައިފް ހޮލިޑޭސްއާ ދެމެދު މިކަމާ ގުޅޭ އެމްއޯޔޫއެއްގައިވެސް ވަނީ ސޮއިކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރަޝިއާ މާކެޓުގެ މުހިންމުކަމާއި ރާއްޖެ މަގުބޫލު މަންޒިލަކަށް ހެދުމަށް ރަޝިއާގެ ޓްރެވަލް ޓްރޭޑް ޕާޓްނަރުން ކުރާ މުހިންމު މަސައްކަތްތައް ފާހަގަކުރެއްވާފަ އެވެ.

މީގެ އިތުރުން މިއަދު ޖުލައި 22ވަނަ ދުވަހު ރިސޯޓްލައިފްއާއި ރަޝިއާގެ ނޯޑްވިންޑްސް އެއާލައިންއާއެކު ބޭއްވި މަޝްވަރާތަކުގައި ވެސް މިނިސްޓަރު މައުސޫމް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އެ ބައްދަލުވުމުގައި ރާއްޖެއަށް ދަތުރުތައް ފެށުމަށް އެއާލައިންތަކަށް ހުރި ފުރުސަތުތަކަށް އަލިއަޅުވާލެއްވެވި އެވެ. އަދި ވަކިން ހާއްސަކޮށް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމަކީ ސަރުކާރުން އެދޭ ކަމެއް ކަމަށް ފާހަގަކުރެއްވި އެވެ.

ރިސޯޓްލައިފް ހޮލިޑޭސްގެ ދައުވަތަކަށް މިނިސްޓަރު މައުސޫމް ކުރައްވާ އެ ދަތުރުގައި މޮސްކޯގައި ހުންނަ ރިސޯޓްލައިފް ހޮލިޑޭސްގެ އޮފީހަށް ވެސް ވަނީ ޒިޔާރަތް ކުރައްވާފަ އެވެ.

ރަޝިއާއާއި އިރުމަތީ ޔޫރަޕުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 23.8 ޕަސެންޓަކީ ރަޝިއާގެ ފަތުރުވެރިންނެވެ.

comment ކޮމެންޓް