ޝާހިދުގެ ދަތުރުފުޅުގައި އިޖުތިމާއީ ތަރައްގީއާ ގުޅުންހުރި އެއްބަސްވުމެއްގައި ސޮއިކުރައްވާނެ: އިންޑިއާ

ފެބްރުއަރީ 21، 2021: ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން: މި ދަތުރުފުޅުގައި އިންޑިއާއާއި ރާއްޖެއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އދ. ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރާއްޖޭގައި އިޖުތިމާއީ ތަރައްގީއާ ގުޅޭ މަޝްރޫއުތަކެއް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާނެކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއިން ބުނެފިއެވެ.

ފޮރިން މިނިސްޓަރު ޝާހިދު އިންޑިއާއަށް ކުރައްވަމުންދެންދަވާ ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުގެ ދައުވަތަކަަށް ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރު ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޖުތަމައުގެ ތަރައްގީއާ ގުޅުންހުރި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމެންޓް މަޝްރޫއުތަކެއް ރާއްޖޭގައި ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެކަމަށެވެ. މި މަޝްރޫއުތައް ރާއްޖޭގައި ހިންގާނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނެވެ.

މިނިސްޓަރު ޝާހިދު ވަނީ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން މިދިޔަ އެޕްރީލް މަހުގެ ތެރޭވެސް އިންޑިއާ އަށް ދަތުރުކުރައްވާފައެވެ. އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުންތައް ރިވިއުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

comment ކޮމެންޓް