މާފުށި ޖަލުގައި ތިބި ހަރުކަށި ފިކުރުގެ ގައިދީން ހާއްސަ ޔުނިޓަށް ބަދަލުކުރުން އަންނަ މަހު

މާފުށި ޖަލު -- ފޮޓޯ/ވީނިއުސް

ކުރިޔަށް އޮތް އޯގަސްޓް މަސް ތެރޭ މާފުށީ ޖަލުގައި ތިބި ހަރުކަށި ފިކުރަށް ތާއިދުކުރާ ގައިދީން ދެނެގަނެ، އެ ގައިދީންގެ އެސެސްމެންޓެއް ފަށައި އަދި އެ ގައިދީން ޖަލުގެ ވަކި ޔުނިޓަކަށް ބަދަލުކުރަން މަސައްކަތް ފަށާނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހާމަކޮށްފިއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން އަހުމަދު މިއަދު "ސަން" އަށް ވިދާޅުވީ އޯގަސްޓް މަސްތެރޭ މާފުށި ޖަލުގައި ތިބި ހަރުކަށި ފިކުރަށް ތާއިދުކުރާ ގައިދީން ދެނެގަނެ، އެ ގައިދީންގެ އެސެސްމެންޓް މަސައްކަތް ފެށުމަށް ކަރެކްޝަންސްއިން މަސައްކަތްކުރަމުންދާ ކަމަށެވެ.

އަދި އެ އެސެސްމެންޓަށްފަހު މާފުށި ޖަލުގައި މިހާރު ގާއިމުކުރެވިފައިވާ ނުރަައްކާތެރި ގައިދީން ބޭތިއްބުމަށް ހާއްސަ ޔުނިޓަށް އެ ގައިދީން ބަދަލުކުރާނެކަމަށެވެ.

"އޯގަސްޓް މަސްތެރޭ އެ މަސައްކަތް ފެށޭތޯ މި މަސައްކަތް ކުރަނީ، މައިގަނޑު ބޭނުމަކީ އެ ގައިދީން ޖަލުގެ ޖެނެރަލް ޕޮޕިއުލޭޝަނާއި ވަކިކޮށް، އެ ގައިދީން ރިހެބިލިޓޭޓް ކުރުމުގެ ޕްރޮގްރާމްތައް އެ ޔުނިޓްގައި ހިންގުން ހަގީގަތުގައި،"

"އެ ގައިދީން އެނބުރި މުޖުތަމައުއަށް ނެރެންވާއިރަށް ރިހެބިލިޓޭޓްކުރުން އެއީ އެ ޔުނިޓުގެ މައިގަނޑު މަގްސަދަކީ," ޔުސްރީން ވިދާޅުވިއެވެ.

މާފުށި ޖަލުގައި ގާއިމުކޮށްފައި ހުރި އެ ޔުނިޓަކީ މި އަހަރުގެ ފެބްރުއަރީ ތިންވަނަ ދުވަހު ހުޅުވި ޔުނިޓެކެވެ. އެ ޔުނިޓް ހިންގުމަށް ހާއްސަކޮށް އެކުލަވާލެވިފައިވާ އެސްއޯޕީތަކެއްވެސް ވަނީ ތައްޔާރުކޮށްފައެވެ.

އެ އެސްއޯޕީތަކަކީ ޔޫއެންއޯޑީސީގެ ފަންނީ ލަފައާއި އީޔޫގެ މާލީ އެހީތެރިކަމާއެކު އެކުލަވާލާފައިވާ އެސްއޯޕީތަކެއްކަމަށް ކަރެކްޝަންސްއިން ވަނީ މީގެ ކުރިން ބުނެފައެވެ.

އެ ޔުނިޓުގައި 100 ގައިދީން އެއް ފަހަރާ ބޭއްތިއްބޭނެއެވެ.

އެހެންނަމަވެސް ކޮންމެ ގައިދީއަކު ވަކި ވަކިން ބައިތިއްބަނީތޯ ނުވަތަ ކޮންމެ ގޮޅިއެއްގައި ބައިތިއްބާނީ ކިތައް ގައިދީންތޯ ނިންމާނީ ޖަލުގައި ކުރިޔަށް ގެންދާ އެސެސްމެންޓަށްފަހުކަމަށް ޔުސްރީން ވިދާޅުވިއެވެ.

comment ކޮމެންޓް