މިއަހަރުތެރޭ މާލޭގައި ސެލްފް ސާވިސް ޕެޓްރޯލް ޝެޑެއް ގާއިމުކުރަނީ

ފެބްރުއަރީ 24، 2021: ހުޅުމާލޭ ޝެޑުން ޕެޓްރޯލް އަޅަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރު ތެރޭގައި މާލެ ސަރަހައްދުގައި ސެލްފް ސާވިސް ޕެޓްރޯލް ޝެޑެއް ގާއިމުކުރުމަށް ނިންމާފައިވާކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ބުނެފިއެވެ.

އެފްއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ގަސަމް ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވިދާޅުވީ މިހާރުވެސް މާލެ ސަރަހައްދުގައި ހުރި ޝެޑުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިހާރު މާލެ ސަރަހައްދުގައި ހުރި ބައެއް ޝެޑުތައް ޒަމާނީ ޓެކްނޮލޮޖީއާއެކު ހިދުމަތް ދެވޭ ގޮތަށް ބަދަލުކުރުމަށް ޑިޒައިންތަކާއި ކުރެހުންތައް ފައިނަލްކުރަމުންދާކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން މިހާރު މާލޭގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ހުރި ވަގުތީ ޝެޑުގެ ސައިޒާއި ކެޕޭސިޓީ އިތުރުކުރުމަށް ނިންމައި، އެކަމަށް ބޭނުންވާ ޕްލޭންތަކާއި ޑިޒައިންތައް މިހާރު ފައިނަލް ކުރެވިފައިވާކަމަށް ގަސަމް ވިދާޅުވިއެވެ.

އަދި އެ ޝެޑު ޒަމާނީ ފެންވަރަށް ތަރައްގީކުރާއިރު އެތަނުން އެއްފަހަރާ 14 ސައިކަލަށް ޕެޓްރޯލް އެޅުމުގެ ޖާގަ އަދި ހަތަރުފުރޮޅުލީ އަށް އުޅަނދަށް އެއްފަހަރާ ހިދުމަތް ދެވޭނެކަމަށް ގަސަމް ވިދާޅުވިއެވެ. އަދި އެ ޝެޑު ތަރައްގީކޮށް ނިމުމުގެ ކުރިން މާލެ ސަރަހައްދުގެ ކޮންމެވެސް އެއް ޝެޑަކުން ސެލްފް ސާވިސް ހިދުމަތް ދިނުމަށް އެ ކުންފުނިން ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

"ދެން އެއަށްވުރެ ކުރިންވެސް އަޅުގަނޑުމެން އެބަ މަސައްކަތްކުރަން އަމިއްލައަށް ހިދުމަތް ހޯދައިގަނެ، އެއްވެސް ސްޓާފެއްގެ އެހީތެރިކަމަކާއި ނުލާ، އަމިއްލައަށް ފައިސާ ދެއްކިގެން އަމިއްލައަށް ތެޔޮ އަޅައިގެން ހިދުމަތް ލިބިގަނެވޭ އިންތިޒާމު ހަމަޖައްސަން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" ގަސަމް ވިދާޅުވިއެވެ.

އެހެންނަމަވެސް އެފަދަ ޝެޑެއް ގާއިމުކުރުމުގެ ކުރިން މާލެ ސަރަހައްދުގައި އެފަދަ ސެލްފް ސާވިސް ޝެޑުތަކަށް އާންމުންގެ މެދުގައި ލިބޭ ތަރުހިބާއި، ކުންފުންޏަށް ލިބިގެންދާ ލުއިފަސޭހަތައް ބެލުމުގެ ދިރާސާއެއް ކުރިއަށް ގެންދަން ކުންފުނިން ނިންމާފައިވާކަމަށް ގަސަމް ވިދާޅުވިއެވެ. އަދި އެގޮތަށް އެ މަސައްކަތް ކުރިއަށް ނުގެންދެވިގެން އުޅެނީވެސް ޕެންޑެމިކްގެ ސަބަބުން ކުރިމަތިވާ ދަތިތަކާހުރެ ކަމަށް ގަސަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ސެލްފް ސާވިސް ޝެޑެއް ގާއިމުކޮށްގެން ކުންފުންޏަށާއި އާންމުންނަށް ލިބޭ ފަސޭހަތައް ބަލާނީ ހުޅުމާލޭގައި ހުންނަ ޝެޑުން ސެލްފް ސާވިސް ހިދުމަތް ދީގެންކަމަށެވެ.

"ދެން ހަގީގަތުގަ، މި ޕެންޑެމިކްއާ ހުރެ އެ މަސައްކަތް، ދެން އަޅުގަނޑުމެންގެ ބޯޑުންވެސް އިރުޝާދު ދީފަ އޮތީ މި ޝެޑު އެޅުމުގެ ކުރިން ހުޅުމާލެ ޝެޑު އެކަމަށް، ރައްޔިތުން އެކަމަށް ތަރުހީބު، އެކަމަށް އެވެއާ ވަނީ ކިހާވަރަކަށްތޯ، އެކަމުގެ ސަބަބުން ކުންފުންޏަށް ވަނީ ކިހާ ލުޔެއްތޯ. އެކަން ދިރާސާކުރުމަށްޓަކައި އެންމެ ފުރަތަމަ އަޅުގަނޑުމެން އެތަން އެޅުމުގެ ކުރިން އެހެން ޝެޑެއް ސެލްފް ސާވިސް ކުރުމުގެ އިރުޝާދު އަޅުގަނޑުމެންނަށް ދީފަ އޮތީ، އެކަމަކު ހަމަ ޕެންޑެމިކް ހަމަ މިދާ ގޮތުން އަދި އެކަން ނުވެގެން މިއުޅެނީ،"

"އަޅުގަނޑުމެން އުންމީދުކުރަނީ އަޅުގަނޑުމެން މި ޝެޑުގެ ހިދުމަތް ދިނުމުގެ ކުރިން މާލެ އޭރިއާގެ ކޮންމެވެސް އެއް ޝެޑުން ސެލްފް ސާވިސްގެ ހިދުމަތް ލިބިގެންދާނެކަމަށް،" ގަސަމް ވިދާޅުވިއެވެ.

comment ކޮމެންޓް