ޖޭޕީ ދޫކޮށްލަންޖެހުނީ ސަރުކާރުން ދީނާ ދެކޮޅު ބިލު ހަދާތީ: ލޯޔަރު ވައްޑެ

ޖުލައި 19، 2021: ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް( ލޯޔަރު ވައްޑެ) އާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ޕީޕީއެމަށް ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީ (ޖޭޕީ) ދޫކޮށް އިދިކޮޅު ޕީޕީއެމް އާ ގުޅެން ޖެހުނީ ސަރުކާރުގެ ފަރާތުން އިސްލާމްދީނާ ދެކޮޅަށް ބިލުތައް އުފައްދާތީވެކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ" ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމަކީ ރަނގަޅު ބޭފުޅެއް ކަމަށެވެ. ނަމަވެސް ސިޔާސީ މާހައުލު މިހާރު އޮތް ގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގައި އޭނާއަށް ހުރެވެން ނެތް ކަމަށެވެ.

ސަބަބެއްގެ ގޮތުގައި ވަހީދު ވިދާޅުވީ ނަފުރަތުގެ އަމަލުތައް ހުއްޓުވުމުގެ ނަމުގައި ގާނޫނުލްއުގޫބަތަށް ސަރުކާރުން އިސްލާހު ގެންނަން މަސައްކަތް ކުރާތީ ކަމަށެވެ. އޭނާ ވިދާޅުވީ އެ ބިލަކީ އިސްލާމްދީނާ ދެކޮޅަށް، ރާއްޖެއިން އިސްލާމްދީން ނައްތާލުމަށް ރާވައިގެން ކުރާ މަސައްކަތެއް ކަމުގައި ގަބޫލު ކުރައްވާ ކަމަށެވެ. އަދި އޭނާ ނިކުމެ ހުރީ ދީނާއި ގައުމު ހިމަޔަތްކުރަންކަމަށް ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ އަޅުގަނޑުމެންނަކަށް ކެއްކުރެވޭނެ ކަމެއް ނޫން. މިހާ ހިސާބުން އަޅުގަނޑުމެން މިޖެހެނީ ދުރަށް ދާން. ކޮންމެ ގޮތެއް ވިޔަސް ޖުމްހޫރީ ޕާޓީއަކީ އެއީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ކޯލިޝަން ހަދައިގެން އޮތް ޕާޓީއެއް،"

"އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި ވެއްޖިއްޔާ އަހުލާގީ ގޮތުންވެސް ރަނގަޅު ކަމެއް ނޫން އެ ހިޔާލު ތަފާތުވުމާއެކީގަ ދެން ޖުމްހޫރީ ޕާޓީގަ މަޑުކުރުމަކީ." ވަހީދު ވިދާޅުވިއެވެ.

އެހެންކަމުން މިވަގުތު ގައުމާއި އިސްލާމް ދީން ސަލާމަތް ކުރެވެން އޮތީ ޕީޕީއެމް އާ ގުޅިގެން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ގެނެސްގެން ކަމަށް ގަބޫލުކުރައްވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް 2018 ވަނަ އަހަރު މަސައްކަތް ކުރީތީ މިހާރު އެކަމާ ހިތާމަކުރާ ކަމަށެވެ.

އަދި އަލުން އިދިކޮޅުގައި އޮތް ޕީޕީއެމް އާ ގުޅިވަޑައިގެންނެވީ ރާއްޖެ މިހާރު އޮތް ހާލަތުން ސަލާމަތްކުރުމަށްކަމަށާއި، 2023 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ގެންނަންޖެހޭކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގައި ހުންނެވުމަށްފަހު ވަހީދު ޕީޕީއެމް އާ ގުޅިވަޑައިގެންނެވީ މި މަހުގެ 19 ވަނަ ދުވަހު ޕީޕީއެމް އޮފީހުގައި އޮތް ހާއްސަ ޖަލްސާއެއްގައެވެ. އެ ޖަލްސާގައި އޭނާ ވަނީ ސަރުކާރަށް ފާޑު ވިދާޅުވެ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

comment ކޮމެންޓް