އެންމެ ބޮޑު ދައްޗަކީ ސައިޓް އިންޖިނިއަރުން ހޯދުން: ޝާހު

އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު -- ފޮޓޯ: އެމްޑަބްލިއުއެސްސީ

މާލެ ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މަޝްރޫތައް ކުރިޔަށް ގެންދިޔުމުގައި މިހާރު ދިމާވާ އެންމެ ބޮޑު ދައްޗަކީ މަޝްރޫތަކަށް ބޭނުންވާ ސައިޓް އިންޖިނިއަރުން ހޯދުން ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު "ސަން" އަށް ވިދާޅުވީ ކޮވިޑް-19 އާއެކު ބޯޑަރުތައް ބަންދުކޮށް ގިނަ ގައުމުތަކަކުން ރާއްޖެއަށް މީހުން އެތެރެ ނުވެވޭގޮތް ހެދުމާއެކު ސައިޓް އިންޖިނިއަރުން ހޯދުމުގައި ދަތިތައް ދިމާވާކަމަށެވެ.

"ސައިޓް އިންޖިނިއަރުން ހޯދުމަކީ އަޅުގަނޑުމެންނާ ޕްލޭނިން މިނިސްޓްރީ ގުޅިގެން ހަދާފަ އޮންނަ އެގްރިމެންޓެއްގެ ދަށުން ކުރެވޭކަމެއް. އެ އެގްރީމަންޓުގައި ބުނާގޮތުން ކޮންމެ ސައިޓެއްގައި އިންޖިނިއަރެއް ހުންނަން ޖެހޭ," އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މަސައްކަތް ވަކި މިންވަރަކަށް ފުރިހަމަވުމުންވެސް ސައިޓް އިންޖިނިއަރުން އެއް ސައިޓުން އަނެއް ސައިޓަށް ގެންދިޔުމުގެ ހުއްދަ ޕްލޭނިން މިނިސްޓްރީގެ ފަރާތުން ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކަށް ފެނާއި ނަރުދަމާ ގުޅާލުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ކުރަނީ --- ފޮޓޯ/ އެމްޑަބްލިއުއެސްސީ

ޝާހު އިތުރަށް ވިދާޅުވީ އިންޖިނިއަރެއްގެ ކިބައިގައި ހުންނަަންޖެހޭ ވަކި ޝަރުތުތަކެއްވެސް އެ އެގްރީމަންޓުގައި ބަޔާންކޮިށްފައިވާކަމަށެވެ.

އެގޮތުން ސިވިލް އިންޖިނިއަރިން އިން ޑިގްރީއެއް އޮތުމާއި ފެނާ ނަރުދާމާގެ ދާއިރާއިން ހާއްސަ ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުރުން ޝަރުތުތަކުގެ ތެރޭ ހިމެނޭކަމަށް ޝާހު ވިދާޅުވިއެވެ.

"ތެދުތެދަށް ދަންނަވާނަމަ ހުރިހާ ރަށެއްގެ ސައިޓުތަކަށް ބޭނުންވާ އިންޖިނިއަރުންނެއް ނުލިބޭ. އާންމުކޮށް އެހެން ކޮންޓްރެކްޓަރުންވެސް ސައިޓް އިންޖިނިއަރުން ގެންނަނީ ރާއްޖެއިން ބޭރުން. އެގޮތުން އަޅުގަނޑުމެންވެސް އެންމެ ގިނައިން ސައިޓް އިންޖިނިއަރުން ގެންނަ އެއް ގައުމު އިންޑިއާއަކީ. ކޮވިޑާ ގުޅިގެން އިންޑިއާގެ ހާލަތު މިހާރު އޮތީ ވަރަށް ގޯސްކޮށް. އެހެންވެ ސައިޓް އިންޖިނިއަރުން ނުގެނެވޭ." އޭނާ ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ގޮންޖެހުންތައް އެބަހުރިކަމަށެވެ. އަދި އެކަންކަން މިނިސްޓަރު އަސްލަމުގެ ސަމާލުކަމަށް ގެނެވިފައިވާކަމަށެވެ.

މީގެ އިތުރުން ޝާހް ވިދާޅުވީ އެ ކުންފުނީގެ ހުރިހާ މަސައްކަތެއްވެސް ކުރަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ރަނގަޅު، ފަހުގެ ތަކެތި ބޭނުންކޮށްގެންކަމަށެވެ. އަދި ދިގު މުއްދަތަކަށް ހަލާކުނުވެ ހުންނާނެ ތަކެތިކަމަށެވެ.

" އަޅުގަނޑުމެން ޔަގީންކަން މިދެނީ އަޅުގަނޑުމެންގެ ހިދުމަތަކީ ރައްކާތެރި ބޯފެން އަދި ނަރުދަމާގެ ހިދުމަތަކީ ރައްކާތެރިގޮތުގައި ކުރިޔަަށް ގެންދެވޭ ކަންކަން ކަން. އަޅުގަނޑުމެންގެ މަސައްކަތުގެ ފެންވަރާ އަޅުގަނޑުމެންގެ މަސައްކަތުގައި ބޭނުން ކުރާ ތަކެއްޗަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ ތަކެތި," ޝާހު ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީ އިން އަންނަނީ މިވަގުތުވެސް 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއު ހިންގަމުންނެވެ.

comment ކޮމެންޓް