އަމާޒަކީ ހުއްޓުމެއްނެތި މަޝްރޫތައް ކުރިއަށް ގެންގޮސް ނިންމާލުން: ޝާހު

ވޭމަންޑޫ ނަރުދަމާގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ އެމްޑީ ވާހަކަ ދައްކަވަނީ -- ފޮޓޯ: އެމްޑަބްލިއުއެސްސީ

މާލޭ ވޯޓާ އެންޑް ސިވެރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އެންމެ ބޮޑު އަމާޒަކީ އެ ކުންފުނިން ހިންގަމުންދާ މަޝްރޫތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސް ނިންމާލުންކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ހަސަން ޝާހް ވިދާޅުވެއްޖެއެވެ.

"ސަން" އާ ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ އެ ކުންފުނިން މިހާރު ތިރީސް ހަތަރު ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްޑަބްލިއުއެސްސީ ކަސްޓަމާ ސާވިސް ބިލްޑިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"އަޅުގަނޑުމެން ހަވާލުކޮށްފައި ހުރި ރަށްރަށުގެ ތެރެއިން އަޅުގަނޑުމެން މަސައްކަތް ނުފަށާ އެންމެ ރަށެއް ވެސް ނޯންނާނެ. އެހެންނަމަވެސް ވަކި ހާއްސަ ރަށެއް އެބައޮތް،" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މަސައްކަތް ނުފެށި ލަސްވަމުން އަންނަނީ ހަމައެކަނި އދ. ކުނބުރުދޫގައި ކަމަށެވެ. އެގޮތުން އެ ރަށުގައި މަސައްކަތަށް ބޭނުންވާ ބިން ލިބިފައި ވީނަމަވެސް މޫދަށް ބިމުގެ ބައެއް އޮތުމުން މަސައްކަތް ފެށުމަށް ލަސްތަކެއް ދިމާވަމުންއަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުނބުރުދޫގައި ވެސް އަޅުގަނޑުމެން ވާނީ ޓެމްޕަރަރީ ސައިޓް ސެޓްއަޕް ހަދާފަ ހުންނާނީ. ހުރިހާ ރަށަކަށްވެސް ބޭނުންވާ މެޓީރިއަލްވެސް ފޮނުވާފައި ހުންނާނީ. އެހެންވީމާ އިރާދަކުރެއްވިއްޔާ މަސައްކަތްތަށް ކުރިޔަސް އެބަދޭ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މަސައްކަތް ފަށަންވާއިރަށް ބައެއް ރަށްރަށް މޮނިޓަރިންގައި ހުރުމުގެ ސަބަބުންވެސް ކޮންމެވެސްވަރެއްގެ ލަސްކަމެއް އައިކަމަށް ޝާހް ވިދާޅުވިއެވެ. އެހެންނަމަވެސް ޖުމްލަކޮށް ހުރިހާ މަސައްކަތެއްވެސް ކުރިއަށް ދާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ އަމާޒަކީ އެ ކުންފުނީގެ މަސައްކަތްތައް ތާވަލާއެއްކޮށް ކުރިއަށް ގެންދިޔުންކަމަށެވެ. އަދި ރައްޔިތުންނަށް ރައްކާތެރިކަމާއެކު ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް