ދުނިޔޭގެ ގައުމުތަކަށް ކޮވިޑް-19 ގެ ޑެލްޑާ ވޭރިއެންޓްގެ ބާރުގަދަ ރާޅުތަކެއް އަންނާނެކަމުގެ އިންޒާރު ދީފި

ޖެނީވާ (ޖުލައި 22): ކުރިއަށް އޮތް މަސްތަކުގައި ދުނިޔޭގެ އެކި ގައުމުތަކަށް ކޮވިޑް-19 ގެ ޑެލްޑާ ވޭރިއެންޓްގެ ބޮޑެތި ރާޅުތަކެއް އަންނާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ދީފިއެވެ.

އެޖަމްއިއްޔާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ކުރިން ކޮވިޑް ކޮންޓްރޯލް ކުރި ގައުމުތަކުންވެސް ޑެލްޑާ ވޭރިއެންޓް އަލުން ފެނި އެގައުމުތަކުގެ ހާލަތު ގޯސްވަމުންދާކަމަށާއި ޑެލްޑާ ވޭރިއެންޓްގެ ބޮޑެތި ރާޅުތަކެއް ގިނަ ގައުމުތަކަކަށް އައުމަކީ ވަރަށް ގާތްކަމެއް ކަމުގައެވެ.

މި ރިޕޯޓް ބުނާގޮތުން މިދިޔަ މާޗްމަހު އިންޑިއާއިން ފެނުނު ކޮވިޑް-19 ގެ ޑެލްޓާ ވޭރިއެންޓް ދުނިޔޭގެ 124 ގައުމަކަށް މިހާރު ވަނީ ފެތުރިފައެވެ. ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށްވެސް ޑެލްޓާ ވޭރިއަންޓްގެ އަސަރު ކުރެއެވެ. ނަމަވެސް ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ޑެލްޓާ ވޭރިއެންޓް ގެ އަސަރުކުރާ މިންވަރު ވެކްސިން ފުރިހަމަ ނުކުރާ މީހުންނާ އަޅާބަލާއިރު ކުޑައެވެ.

އެމެރިކާއަކީ ކޮވިޑް ވެކްސިންގެ ކަވަރެޖް ވަރަށް ބޮޑު ގައުމެކެވެ. ނަމަވެސް ޑެލްޓާ ވޭރިއެންޓް އެމެރިކާގައިވެސް ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. ޑެލްޓާ ވޭރިއަންޓާއެކު އެމެރިކާގައި ކޮވިޑް-19 ފެތުރޭމިންވަރު މިމަހުގެ ކުރީކޮޅުން ފެށިގެންވަނީ އިތުރުވާން ފަށާފައެވެ.

ޔޫރަޕްގެ ގައުމުތަކުގައިވެސް ޑެލްޓާ ވޭރިއެންޓްދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. ޔޫރަޕްގެ ގިނަ ގައުމުތަކާ ޚިލާފަށް އިނގިރޭސިވިލާތުން މިހާރުވަނީ ކޮވިޑް އާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ދޫކޮށްލާފައެވެ. ނަމަވެސް އިނގިރޭސިވިލާތުން ނިންމި މި ނިންމުމުގެ ނަތީޖާ ފަހުން ގޯސްވެދާނެކަމުގެ އިންޒާރު އެގައުމުގެ ބައެއް ތަޖްރިބާކާރުންވަނީ ދެއްވާފައެވެ.

ކޮވިޑް-19 ގެ ޑެލްޓާ ވޭރިއެންޓް އަކީ އޭގެ އެންމެ ބާރުގަދަ އަދި އެންމެ ނުރައްކާތެރި ވޭރިއެންޓް ކަމަށްވާއިރު އިނގިރޭސިވިލާތުން ފެނުނު ކޮވިޑްގެ އަލްފާ ވޭރިއެންޓް ވަނީ 180 ގައުމެއްގައި ފެތުރިފައެވެ. އަލްފާ ވޭރިއެންޓް އަކީ ޑެލްޓާ ވޭރިއެންޓް އަށްވުރެ ބާރުކުޑަ ވައްތަރެއްކަމަށް ސިއްހަތާބެހޭ ތަޖްރިބާކާރުން ބުނެއެވެ. ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރެވެންދެން ކޮވިޑް-19 ގެ ބަލީގެ ނުރައްކާތެރިކަން އޮންނާނެކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް