ނަޝީދަށް ހަމަލާދިން މައްސަލާގައި ހަތަރު މީހަކަށް ދައުވާ ކުރަން ފޮނުވައިފި

ކވ. އަދުހަމް އަހްމަދު ރަޝީދު، ތަހުމީނު އަހްމަދު، މުޖާޒް އަހްމަދު، އަހުމަދު ފާތިހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވިގޮތުގައި ދައުވާ ކުރަން ފޮނުވި މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒް އަހްމަދާއި ގއ. ގޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދާއި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހެވެ.

އެ ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މޭ މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދަށް ހަމަލާ ދިނީ، އެމަނިކުފާނު ދިރިއުޅުއްވާ ގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލައިގެންނެވެ. ގޮއްވާލި އައިއީޑީ ވަނީ ސައިކަލެއްގައި ހަރުކޮށްފައެވެ.

އައިއީޑީ ގޮއްވާލާފައި ވަނީ އަދުހަމެވެ. އޭނާ އައިއީޑީ ގޮއްވާލާ މަންޒަރު ފުލުހުން އާންމުކުރި ސީސީޓީވީ ފްޓޭޖުން ފެނެއެވެ. އެމީހުންގެ ތެރެއިން ތަހުމީނަކީ އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލްގެ ވެރިފަރާތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އަށް ފަރާތަކަށް ތަހުގީގު ހިންގަމުންދާ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހަކަށް ދައުވާ ކުރަން ވަރަށް އަވަހަށް ފޮނުވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

އެ ހަތަރު މީހުންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވިޔަސް، އެކަމަށް ފަންޑުކުރި މީހުން ހޯދުމުގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް