ހަށިކޮޅަށް ލިބުނު ހަމަލާއަށްފަހު އަޅުގަނޑުގެ ހާލު ރަނގަޅު: މާލީގެ ވަގުތީ ރައީސް

މާލީގެ ވަގުތީ ރައީސް އައްސިމީ ގޮއިޓާ

މާލީގެ ވަގުތީ ރައީސްް އައްސިމީ ގޮއިޓާއަށް ވަޅިން ހަމަލާ ދީ ޒަހަމްކޮށްލާފައި ވީނަމަވެސް މިހާރު އޭނާގެ ހާލުކޮޅު ރަނގަޅުކަމަށް ގޮއިޓާ ވިދާޅުވެއްޖެއެވެ.

މި ހަމަލާ ދީފައިވަނީ މާލީގެ ވެރިރަށް ބަމާކޯގެ މިސްކިތެއްގައި އިއްޔެ ކުރިޔަށް ދިޔަ އީދު ނަމާދަށް ފަހުއެވެ.

ހަމަލާދިނުމާއިއެކު ވީހާވެސް އަވަހަކަށް ރައީސް އެ ސަރަހައްދުން ގެންދިޔަކަމަށް ބައިނަލްއަގްވާމީ ނޫހެއްކަމަށްވާ އެޖެންސް ފްރާންސް ޕްރެސް (އޭއެފްޕީ) އިން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ހަމަލާ ދިން ސަރަހައްދުގައި ލޭ ކަމަށް ބެލެވޭ އެއްޗެއް ހުރިނަމަވެސް އެއީ ކާކުގެ ލެޔެއްކަން ޔަގީން ނުކުރެވޭކަމަށް އެ ނޫހުން ބުނެފައިވެއެވެ.

ހަމަލާއާ ގުޅިގެން ގޮއިޓާ ޒަހަމްވިކަމަށް ވާހަކަދެކެވެމުން އައިނަމަވެސް އިއްޔެގެ ވަގުތެއްގައި އޭނާ ނެރުއްވި ބަޔާނެއްގައި އޭނާ ވަނީ އޭނާގެ ހާލުކޮޅު ރަނގަޅުކަމަށް ވިދާޅުވެފައެވެ.

"މިއީ ލީޑަރަކަށްވުމާއިއެކު ހިނގާފާނެ ކަންތައްތައް. ކަންކަމާ މެދު ހިތްހަމަނުޖެހޭ މީހުން އަބަދުވެސް އުޅޭނެ. ކޮންމެ ގަޑިއެއްގައިވެސް ހަމަނުޖެހުން ހިންގަންބޭނުންވާ މީހުންވެސް އުޅޭނެ،" ގޮއިޓާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ވާހަކަދައްކަވަމުން މާލީގެ ރިލިޖަަސް އެފެއާޒް މިނިސްޓަރު މަމަދައު ކޯން ވިދާޅުވީ މިހާރު އެ ހަމަލާ ދިން މީހާ ހައްޔަރުކުރެވިފައިވާކަމަށެވެ. އަދި މިކަމާ ގުޅިގެން އިތުރު ތަހގީގުތައް ކުރަމުން އަންނަ ކަމަށެވެ.

ގޮއިޓާ، ވެރިކަމުގެ ހުވާކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މިއީ ފާއިތުވި ނުވަ މަސް ދުވަސްތެރޭ ދެ ބަޣާވާތެއް ހިންގެވުމަށްފަހު އެ ގައުމު ހިންގުމާ އޭނާ ހަވާލުވި ދެވަނަ ފަހަރެވެ. ގޮއިޓާ އަލުން ވެރިކަމުގެ ހުވާކޮށްފައިވާއިރު މިހާރު މާލީގެ އެތެރޭގެ ހާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް