ނަޝީދު, އިދިކޮޅަށް: ގައުމަށް ވަމުންދާ ގޮތް ގާތުން ބައްލަވާ!

ޑިސެމްބަރު 15، 2019: ކުރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން: ރައީސް ސޯލިހާއި ރައީސް ނަޝީދު ---- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ގައުމުގައި މިއަދު ކަންކަންވަމުންދާ ގޮތް ގާތުން ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ޕީޕީއެމް، ޕީއެންސީއަށް ގޮވާލައްވައިފިއެވެ.

އިންޑިއާގެ ޑީއެންއޭ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ މިހާރު ރާއްޖޭގައި ބޮޑެތި ހަމަނުޖެހުންތައް އުފެދިފައިވާކަމަށެވެ. އަދި ޕީޕީއެމާއެކު މަސައްކަތްކުރުމަށް ނިންމެވި ނިންމެވުމަކީ އެމަނިކުފާނު ހަމަ ހަގީގަތުގައިވެސް އެކަމަށް ބޭނުންވެގެން ނިންމެވި ނިންމެވުމެއްކަމަށްވަނީ ވިދާޅުވެފައެވެ.

"ޕީޕީއެމުން ވަނީ އެއްފަހަރު އިންތިހާބެއް ކާމިޔާބުކޮށްފައި. އެކަން ކުރެވިފައިވަނީ ހަރުކަށި ފިކުރުގެ މީހުންގެ ވޯޓާއެކު. އެމްޑީޕީއަށްވެސް ވަނީ ދެ ފަހަރު އިންތިހާބު ކާމިޔާބުކުރެވިފައި. އެމްޑީޕީއަށްވެސް ކާމިޔާބުވީ ހަމަ ހަރުކަށި ފިކުރުގެ މީހުންގެ ވޯޓާއެކު،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިގޮތަށް ކަންކަން ހިނގާނަމަ މިއީ ހަރުކަށި ފިކުރު ފެތުރުމަށް ހުޅުވާލެވޭ ދޮރެއްކަމަށާއި މިއީ ޕީޕީއެމް ވެސް އެމްޑީޕީވެސް އެދޭކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި އެއީ ޕީޕީއެމްއާއެކު މަސައްކަތްކުރުމަށް އެމަނިކުފާނު ބޭނުންވެލައްވާ ސަބަބުކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"އެކަމަކު ޕީޕީއެމްގެ ވެސް ކޮންމެ ކޮންމެ މީހަކާއެކު މަސައްކަތެއް ނުކުރެވޭނެ. އަޅުގަނޑަށް މަސައްކަތްކުރެވޭނީ ގައުމު ގެންދާނެ މިސްރާބެއް ކަނޑައަޅާ އެއް ވާހަކައެއް ދައްކާ އެއްބަސްވުމެއް އެކުލަވާލެވިގެން،" ނަޝީދު ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވަނީ މި ގައުމު ދެވަނަ އަފްޣާނިސްތާނެއް ގޮތަށް ބަދަލުވެގެން ދާން ބޭނުން ނުވާކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.

އަދި ގައުމުގެ ކަންކަން ފެއިލްވެގެން ދިޔުމަށް ބޭނުންނުވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު ސަރުކާރު ހިންގުމުގައި ގިނަ ހިިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ އެތެރޭގެ މަޝްރަހުވެސް ގޯސްވެފައިވާއިރު މި ފަހުން ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކުގައި ޕީޕީއެމް އަދި ރައީސް ޔާމީންގެ އެހީތެރިކަން ބޭނުންފުޅުވާކަމަށް އަންނަނީ ވިދާޅުވަމުންނެވެ.

comment ކޮމެންޓް