މާފުށީގައި ކައުންސިލަރަކަށް ހަމަލާދީފި

ކ. މާފުށި - ސަން ފޮޓޯ/ ފަޔާޒު މޫސާ

ކ. މާފުށީގައި ރޭގެ ވަގުތެއްގައި ކައުންސިލަރަކަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

މާފުށި ކައުންސިލް ރައީސް ހަސަން ސޮލާހް "ސަން" އަށް ވިދާޅުވީ އެރަށުގައި އެކަހަލަ ކަމެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވާކަމަށެވެ. އަދި އެ ހާދިސާގައި ފުލުހުން އެކަކު ހައްޔަރުކުރިކަމަށް ސޮލާހް ވިދާޅުވިއެވެ.

"އެކަހަލަ ކަމެއް ރޭގެ ވަގުތެއްގައި ހިނގިކަމަށް މައުލޫމާތު ލިބޭ، އަޅުގަނޑު ގުޅާލިން އެ އަނިޔާވި ކައުންސިލަރަށްވެސް، މާ ބޮޑު އަނިޔާއެއް ލިބިފައެއް ނުވޭ ނަސީބަކުން، ދެން ބައެއް މީޑިއާތަކުން އޮތް ތޫނު އެއްޗެއް ބޭނުންކޮށްގެން ކަމަށް، އެއީ ތެދު ވާހަކައެއް ނޫން،" ސޮލާހް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ހަމަލާ ދީފައި ވަނީ ރަށުން ބޭރުން އައި ދިވެހި ފިރިހެނެކެވެ. އަދި ހަމަލާ ދިން ސަބަބެއް ސާފު ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ ހާދިސާ ބައެއް މީޑިއާތަކުން ގޯސްކޮށް ރިޕޯޓްކުރަމުންދާތީވެ ސޮލާހް ވަނީ މީޑިއާތަކުން އެ ހާދިސާ ގޯސްކޮށް ރިޕޯޓް ނުކުރުމަށް އެދިފައެވެ.

"އެކަހަލަ މައްސަލަތަކުގައި ތަންކޮޅެއް ފަރުވާތެރިކަމާއެކު ރިޕޯޓްކުރެއްވުން އެދެން، އަނެއްހެން މާ ބޮޑު ކަމެއްވެސް ނުއެއްވޭ އެ ހާދިސާގައި،" ސޮލާހް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފުށީގައި ކައުންސިލަރަކަށް ހަމަލާދިންކަމުގެ މައުލޫމާތު އަދި އެ މުއައްސަސާއަށް ލިބިފައި ނުވާކަމަށެވެ. އަދި އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވެސް ނުވާކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް