ހާލަތު ގޯސް، ހަފްތާއެއްތެރޭ ފޯކައިދުއިން 100 އަށްވުރެ ގިނަ ކޭސް

ށ. ފޯކައިދޫ. -- ފޮޓޯ/ތިލަދުން

އެއް ހަފްތާތެރޭ ށ. ފޯކައިދޫއިން ފެނުނު ކޮވިޑް19 ކޭސްތަކުގެ އަދަދު 100 އިން މައްޗަށް އަރައިފިއެވެ.

ފޯކައިދޫއިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނުނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ފޯކައިދޫ ހެލްތު ސެންޓަރުގެ މެނޭޖަރު އަހުމަދު އަންވަރު މިއަދު "ސަން"އަށް ވިދާޅުވީ އޭގެ ފަހުން އެރަށުން ނެގި ޖުމްލަ 235 ސާމްޕަލްގެ ތެރެއިން 103 ސާމްޕަލްއެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

އަދި ރަށުގައި މިވަގުތު 155 ގެ މޮނިޓަރިންގައި ހުރިކަމަށް އޭނާ ވިދާޅުވިއެވެ. ނަތީޖާ ނުލިބޭ ހަތަރު ސާމްޕަލްއެއް އެބަ ހުރިކަމަށް އަންވަރު ވިދާޅުވިއެވެ.

ރަށުގެ ހާލަތު ގޯސްވެފައިވާވުމާއެކު މިވަގުތު ރަށް އޮތީ ފުލް ލޮކްޑައުންގެ ހާލަތުގައި ކަމަށް އަންވަރު ވިދާޅުވިއެވެ. އަދި ރަށުގެ ސިއްހީ އޮފިޝަލުންނަށް ރަށުގައި ކޮމިއުނިޓި ސްޕްރެޑެއް އުޅޭކަން ޔަގީންވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ޔަގީން، ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން، އެކަމަކު ނޭނގެ ކީއްވެގެންކަމެއް އެޗްޕީއޭއިން އެގޮތަށް ކަނޑަނާޅުއްވަނީ،"

"އެއީ ކުޑަ ދުވަސްކޮޅެއްތެރޭ 103 ކޭސް މިފެނުނީ، ދެން މިހާރު އެބަ ޕޮޒިޓިވްވޭ ރަށުން ނަގާ ރެންޑަމް ސާމްޕަލްވެސް ބައެއް ފަހަރު، އެއީ މޮނިޓަރިންގައި ހުރި ގެތަކާ ގުޅުން ނެތް ސާމްޕަލް،" އަންވަރު ވިދާޅުވިއެވެ.

ރަށުގައި އޮތް ކޮވިޑްގެ ހާލަތާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ވިސްނުމެއް އޮތްތޯ ސުވާލުކުރުމުން އަންވަރު ވިދާޅުވީ ފޯކައިދޫ ރައްޔިތުން މިހާރުވެސް ވަރަށް ބޮޑަށް ފިޔަވަޅުތަކަށް އެއްބާރުލުން ދޭކަމަށާއި އަދި ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމުގެ ވިސްނުމެއް ނެތްކަމަށެވެ.

އަދި ކާފިއު އަޅަންވެސް ޖެހިއްޖެ ހާލަތެއްގައި އެ ހުއްދަވެސް މިނިސްޓްރީއިން ކައުންސިލަށް ދީފައިވާކަމަށާއި އެހެންނަމަވެސް އެކަހަލަ ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ބޯނުލަނބަންޏާތާ ޖެހޭނީ ފިޔަވަޅުތައް ހަރުކަށިކުރަން، އެކަމަކު ފޯކައިދޫ ރައްޔިތުންނަކީ ވަރަށް އެކުވެރި އެއްބައިވަންތަ ބައެއް، ވަރަށް ފިޔަވަޅުތަކަށް ކަމޭހިތާ، މިހާރުވެސް ރަށުގައި ބޭރުތެރޭގައި ނޫޅޭ މީހުން، ރަށް މިއޮތީ ހަމަ ފުލް ލޮކްޑައުންއެއްގައި،" އަންވަރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އަންވަރު ވިދާޅުވީ ފޯކައިދުއަށް މިވަގުތު ދިމާވެފަ އޮތް އެންމެ ބޮޑު ދަތިތަކަމަކީ ރަށު ކައިރި ސަރަހައްދަކުން ބައްޔަށް ޓެސްޓުކުރެވެން ނެތުން ކަމަށެވެ. އަދި ކޮންމެ ފަހަރަކުވެސް ނަގާ ސާމްޕަލްތައް ޖެހެނީ މާލެއަށް ފޮނުވަންކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ ފަހުންވެސް މި ފޮނުވީ ހަނިމާދޫ ކޮޅުން މާލެއަށް، އޭގެ ކުރިން ފޮނުވަން ޖެހުނީ މާފަރު ކޮޅުން، އެއީ ވަރަށް ބޮޑު ދަތިކަމެއް، ކުޅުދުއްފުށި ކަހަލަ ތަނަކުންވެސް ޓެސްޓުކުރެވެން ނެތީމަ،" އަންވަރު ވިދާޅުވިއެވެ.

comment ކޮމެންޓް