ޕާކިސްތާނުގެ ކަރާޗީގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ ބިރުވެރިކަން ބޮޑުވެއްޖެ

ކަރާޗީ ގެ އަވަށެއް

ކަރާޗީ (ޖުލައި 21): ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ކަރާޗީގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ ބިރުވެރިކަން ބޮޑުވެއްޖެއެވެ.

ޕާކިސްތާނުގެ ސިއްހަތާބެހޭ ވުޒާރާއާ ހަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން ޕާކިސްތާނުގެ އެހެން ސަރަހައްދުތަކާ އަދި ސިޓީތަކާ ޚިލާފަށް ކަރާޗީގައި ކޮވިޑް ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެ އެތަށް ހާސްބަޔަކު ހޮސްޕިޓަލްތަކުގައި ބައިތިއްބައިގެން ފަރުވާދޭން ޖެހުމުން ކަރާޗީގެ ހޮސްޕިޓަލްތައްވަނީ ފުރި ބާރުވެފައެވެ. ފާއިތުވި 24 ގަޑީއިރަށް ބަލާއިރު ޕާކިސްތާނުގެ އެހެން ސަރަހައްދުތަކާ ޚިލާފަށް ކަރާޗީގައި ކޯވިޑް ޖެހުނު މީހުންގެ ޢަދަދުވަނީ ގާތްގަނޑަކަށް 26 ޕަސަންޓަށް މައްޗަށް ގޮސްފައެވެ.

ކަރާޗީ ފިޔަވައި ޕާކިސްތާނުގެ އެހެން ސަރަހައްދުތަކާ އަދި ސިޓީތަކުގައި ކޮވިޑް ފެތުރޭ ނިސްބަތް ގާތްގަނޑަކަށް 5-6 ޕަސަންޓާ ދެމެދުގައި އުޅޭތާ އެތަށް ހަފްތާއެއް ވެފައިވާއިރު ކަރާޗީގައި މިވަނީ މީގެ ހަތަރު ގުނަ އިތުރަށް ކޮވިޑް ފެތުރޭން ފަށާފައެވެ. ޕާކިސްތާނުގެ ކޮވިޑް ދިރާސާ ކުރާ ސައެންސްވެރިން ބުނާގޮތުން ކަރާޗީގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވަނީ އެބަލީގެ ނުރައްކާތެރި ވޭރިއަންޓެއްކަމަށްވާ ޑެލްޓާ ވޭރިއެންޓް ގެ ސަބަބުންނެވެ.

ކަރާޗީގައި ކޮވިޑް ޖެހޭ މީހުންގެ ތެރެއިން 90 ޕަސްންޓަކީ ޑެލްޓާ ވޭރިއެންޓްކަމަށް ކަރާޗީގެ ސައެންޓިފިކް ރީސާޗް މަރުކަޒެއް ކަމަށްވާ "ސެންޓަރ ފޯރ ކެމިކަލް އެންޑް ބަޔޮލޮޖިކަލް ސައިންސަސް"އިން ނެރުނު ރިޕޯޓެއް ބުނެއެވެ. ކަރާޗީގެ މިހާލަތާ ގުޅިގެން އެ ސިޓީގައިވަނީ ސިއްހަތާބެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. ނަމަވެސް ކަރާޗީ އެއްކޮށް ފުރަބަންދު ކޮށްފައެއް ނުވެއެވެ.

މިދުވަސްވަރަކީ އިސްލާމީ އެހެން ގައުމުތަކެކޭ އެއްގޮތަށް ޕާކިސްތާނުގައިވެސް އަޟްހާ އީދު ފާހަގަކުރަމުން ގެންދާ ދުވަސްވަރެވެ. އަޟްހާ އީދުގައި މީހުން ގައިގޯޅިކޮށް އުޅުމާއި ކުޅިވަރުތަކާއި އާއިލީ ހަފްލާތައް ބާއްވަމުން ގެންދާތީ އާއި ދަތުރުތައް ގިނައިން ކުރަމުން ގެންދާތީ އީދަށްފަހު މުޅި ޕާކިސްތާނުގައި ކޮވިޑް ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމުގެ ބިރުވަނީ ބޮޑުވެފައެވެ.

225 މިލިޔަން މީހުންގެ އާބާދީ އެއް އޮންނަ ޕާކިސްތާނުގައި މިލިޔަނެއްހާ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އޭގެތެރެއިން 22,000 އަށްވުރެ ގިނަމީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް