އިއްޔެ މަނާ ވަގުތު ވެހިކަލް ދުއްވުމުން ހަ މީހަކަށް ފިޔަވަޅު އަޅައި, 105 މީހުންނަށް ނަސޭހަތް ދިން
މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖެއްސި ވަގުތު ވެހިކަލް ދުއްވި މައްސަލާގައި ހަ މީހަކަށް ފުލުހުން ފިޔަވަޅު އަޅައިފި އެވެ.
މާލެ ސަރަހައްދުގައި އީދު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 8:00 އާ ހަމައަށް ފައިމަގުގައި އުޅޭ ގޮތަށް ނިންމީ މާލޭ ސިޓީ ކައުންސިލުން ކްލަބް ހައުސް މެދުވެރިކޮށް އާއުއްމުންގެ ހިޔާލު ހޯދުމަށްފަހު އެވެ.
ފައިމަގުގައި އުޅޭ ގޮތަށް ހަމަޖެއްސި ވަގުތު ވެހިކަލް ދުއްވި މައްސަލާގައި ހަ މީހަކަށް ފިޔަވަޅު އެޅިއިރު އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލޭގައި ލައިސަންސް ނެތި ސައިކަން ދުއްވައިގެން ފިޔަވަޅު އެޅި ހަތަރު ފާރާތަކާއި މާލެ އިން ފިަޔަވަޅު އެޅި ދެ މީހުންނެވެ.
ނަސޭހަތް ދިނުމަށްފަހު، އެއްވެސް ފިޔަވަޅެއް ނާޅާ ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނެނީ ހުޅުމާލެއިން ހަތް މީހުންނާއި މާލެ ސިޓީން 98 މީހުންނެވެ.
މާލޭ ސަރަހައްދުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން ހަތަރު ގަޑިއިރަށް މަނާކުރި ނަމަވެސް ޒަރޫރީ ހިދުމަތް ފޯރުކޮށްދޭ އުޅަނދުތަކާއި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދޭ ބަސް ފަދަ ވެހިކަލްތަކަށް ވަކި ހާއްސަ ހުއްދައެއްގެ ދަށުން އެ ވަގުތު ތަކުގައި ދުއްވުން ހުއްދައެވެ.