ތުއްތު ކުއްޖަކު ޕޮޒިޓިވްވެ، ތިންވަނަ ފަހަރަށް ކިނބިދޫ މޮނިޓަރިންގެ ހާލަތަށް

ތ. ކިނބިދޫ: ތިންވަނަ ފަހަރަށް އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ---

މާލެއިން ތ. ކިނިބިދުއަށް އީދު ޗުއްޓީއަށް ދިޔަ އާއިލާއެއްގެ ދެ އަހަރުގެ ތުއްތު ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ތިންވަނަ ފަހަރަށް އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކިނިބިދޫ ކައުސިލްގެ ރައީސް އަލީ ހުސެއިން "ސަން"އަށް ވިދާޅުވީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިއަދު ކަމަށެވެ.

އޭނާ ވިދާޅުވީ ޕޮޒިޓިވްވި ކުއްޖާއާ ކޮންޓެކްޓްވެފައި ވަނީ އާއިލާ މީހުން އެކަނި ކަމަށެވެ.

އެ އާއިލާގެ މީހުން މާލެއިން އެރަށަށް ދިޔައީ ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"މި މަހުގެ 18 ވަނަ ދުވަހު ޓެސްޓު ހަދައިގެން ޕޮޒިޓިވް ކަމަށް މިއަދު ސިއްހީ މަރުކަޒުން އެންގީ. ކޮންޓެކްޓްސްގެ ގޮތުގަ މިވަގުތު ތިބޭނީ އާއިލާމީހުން އެކަނި. އެގެ ހަމަ ވަގުތުން ކަރަންޓީނަށް ލާފަ މިހާރު އޮތީ،" އަލީ ހުސެއިން ވިދާޅުވިއެވެ.

ކިނބިދުއާއެކު މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ޖުމުލަ 15 ރަށެވެ. އޭގެ ތެރޭގައި މިމަހު މޮނިޓަރިންގެ ހާލަތަށް ގެނައި ހަ ރަށެއްވެސް ހިމެނެއެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި ތިބި ރަށްތައް:

  • ގދ. ތިނަދޫ
  • ގދ. ނަޑެއްލާ
  • ގއ. ވިލިނގިލި
  • ގއ. ކޫއްޑޫ
  • އއ. ތޮއްޑޫ
  • އއ. ރަސްދޫ
  • ރ. ދުވާފަރު
  • ރ. މީދޫ
  • ހއ. ދިއްދޫ
  • ކ. ގުރައިދޫ
  • ކ. ކާށިދޫ
  • ށ. ފޯކައިދޫ
  • ތ. ކިނބިދޫ
  • ފ. ފީއަލި
  • ފުވައްމުލައް ސިޓީ
comment ކޮމެންޓް