އާ ޕޭމަންޓް ސިސްޓަމުގެ މަސައްކަތަށް ފަންނީ ކޮންސަލްޓަންޓެއް ހޯދަނީ

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހިންގާ ހިންގަމުންދާ ރާއްޖޭގެ އާ ޕޭމަންޓް ސިސްޓަމް ތަރައްގީކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ތައްޔާރުކުރާ ޕޭމަންޓް ޕްލެޓްފޯމުގެ މަސައްކަތަށް ފަންނީ ކޮންސަލްޓަންޓެއް ހޯދަން އިއުލާނުކޮށްފިއެވެ.

އެމްއެމްއޭއިން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ކޮންސަލްޓަންޓެއް ހޯދަމުން ދަނީ މަޝްރޫއުގެ އިމްޕްލިމެންޓޭޝަން ފިޔަވަހީގެ މަސައްކަތަށެވެ. މަސައްކަތަށް ބިޑު ހުށަހެޅުމާ ގުޅޭ ލިޔެކިޔުންތަކާއި ފޯމު އެމްއެމްއޭގެ ވެބްސައިޓުން ލިބެން ހުރި އިރު, ޝައުގުވެރިވާ ފަރާތްތަކުން އޯގަސްޓް އެއްވަނަ ދުވަހުގެ ކުރިން އެމްއެމްއޭގައި ރެޖިސްޓްރީކުރަން އެ އިދާެރާއިން އެދިފައިވެއެވެ.

ބިޑު ހުށަހަޅަބން ޖެހެނީ އޯގަސްޓް 12 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިންނެވެ.

އެމްއެމްއޭއިން ތަރައްގީކުރަމުންދާ ރާއްޖޭގެ އާ ޕޭމަންޓް ސިސްޓަމް, "މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓު"ގެ ބޭނުމަކީ ރާއްޖޭގައި ކުރެވޭ ފައިސާގެ މުއާމަލާތްތަކަކީ އަވަސް, ފަސޭހަ އަދި ރައްކާތެރި މުއާމަލާތްތަކަކަށް ހެދުމެވެ. އެމްއެމްއޭއިން ބުނާ ގޮތުގައި މި ސިސްޓަމުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރާނީ ރާއްޖޭގައި ހިދުމަތްދޭ ހުރިހާ ބޭންކަކާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން އަހަރުގެ ހުރިހާ ދުވަހަކު 24 ގަޑިއިރު އެ ސިސްޓަމާ ގުޅި, އަދި ވަގުތުން ވަގުތަށް މުއާމަލާތްތައް ހިންގޭނެ ގޮތަށް ކަމަށެވެ.

އެގޮތުން ފައިސާ މިހާރު ޖަމާކުރަން ގެންގުޅޭ ނިޒާމުގައި އަންނަ ޑިލޭތައް މުޅިން ނައްތާލައި, ކޮންމެ ބޭންކެއްގެ އެކައުންޓަކުން ވިޔަސް ވަގުތުން ވަގުތަށް ފައިސާ ފޮނުވައި ލިބޭނެ އިންތިޒާމު މި ނިޒާމުގެ ތެރެއިން ފަހިވާނެއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ މި މަޝްރޫއުގެ ޓައިމްލައިނުގައި ވާ ގޮތުން މިހާރު ކުރިއަށްދަނީ އެ ސިސްޓަމުގެ އިންސްޓޮލޭޝަނާއި އިންޓަގްރޭޝަންގެ މަސައްކަތްތަކެވެ. މި އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ސިސްޓަމް ހިންގައި ހިދުމަތްދިނުމުގައި އުޅޭ ފަރާތްތަކަށް ޓްރެއިނިންގްތައް ހިންގާ އިރު, އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ސިސްޓަމް ލައިވް ވާނެއެވެ.

އާ ޕޭމަންޓް ސިސްޓަމް ތަރައްގީކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހަވާލުކޮށްފައިވަނީ ފިންލެންޑުގެ ޓިއެޓޯއެވްރީއާ, މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

comment ކޮމެންޓް