މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އުފައްދާ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި

ރައީސް ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދާ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މަސައްކަތްތައް އެ ބިއުރޯއަށް ބަދަލުކުރާ "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މިއަދު ތަސްދީގުކުރެއްވި އާ ގާނޫނާއެކު ކުރިން އޮތް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހުރިހާ މަސައްކަތްތަކެއް އަލަށް އުފައްދާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ބަދަލުވާނެއެވެ. މި ގާނޫނުގެ ދަށުން ރާއްޖޭގެ ތަފާސްހިސާބާގުޅޭ އެންމެހައި ކަންކަން ރާވައި ހިންގާނެ އުސޫލުތައް ކަނޑައަޅާނީ އެ އިދާރާއިންނެވެ.

މި ގާނޫނަކީ ރާއްޖޭގައި ތަފާސްހިސާބާބެހޭ ގައުމީ ނިޒާމެއް ގާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި، އާންމުކުރުމާއި، ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ ގާނޫނެކެވެ. ބިއުރޯއާ ގުޅޭ ކަންކަމުގައި މަޖިލީހަށް ޖަވާބުދާރީވާނީ ފިނޭންސް މިނިސްޓަރުކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

އަލަށް އުފައްދާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގުމާއި ހަވާލުވާނީ މިނިސްޓަރުގެ ލަފާގެ މަތިން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ރައީސް އައްޔަނުކުރައްވާ ޗީފް ސްޓެޓިސްޓިޝަނެއްކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

ޗީފް ސްޓެޓިސްޓިޝަނަކީ އިންތިހާބުކުރެވޭ މަގާމެއް، ނުވަތަ ސިޔާސީ މަގާމެއްގައި ހުރި ފަރާތަކަށް ވެގެންނުވާނެކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުންވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކުކަމުގައި ނުވުމާއި، މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާގަތު އަދި މަސައްކަތުގެ އަހުލާގު ހުރި މީހަކަށް ވާން ޖެހޭނެކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

އާ ގާނޫނުގެ ދަށުން ތަފާސްހިސާބުގެ ގައުމީ ނިޒާމް ކުރިއަރުވަން 10 މެންބަރުންގެ މައްޗަށް އެކުލެވޭ ސްޓެޓިސްޓިކަން ކައުންސިލްއެއްވެސް 60 ދުވަހުގެ ތެރޭ އެކުލަވާލުމަށް ވަނީ ނިންމައިފައެވެ.

ކައުންސިލަށް މެންބަރުން އައްޔަނުކުރާނީ ގާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފަސް އަހަރުގެ ދައުރަކަށް ފިނޭންސް މިނިސްޓަރެވެ.

އަދި މެންބަރުންގެ ގޮތުގައި އައްޔަނުކުރަންވާނީ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ އިލްމީ ފެންވަރާއި ލަޔާގަތު އަދި މަސައްކަތުގެ އަހުލާގު ހުރި ފަރާތްތައްކަމަށްވެސް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

މެންބަރުންގެ ގޮތުގައި ތިބޭ ފަރާތްތަކުގެ ތެރޭގައި ޗީފް ސްޓެޓިސްޓިޝަންގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ފަރާތުން އައްޔަނުކުރާ އެއް މެންބަރު، ރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭ ދައުލަތުގެ އިދާރާތަކުގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ ހަތަރު މެންބަރުން އަދި ބިއުރޯއިން އާންމުކުރާ ތަފާސްހިސާބު ބޭނުންކުރާ ޕްރައިވެޓް ސެކްޓަރު އަދި ސިވިލް ސޮސައިޓީ ތަމްސީލުކުރާނެ ހަތަރު މެންބަރުން ހިމެނޭނެއެވެ.

ސްޓެޓިސްޓިކަލް ކައުންސިލްގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ ޗީފް ސްޓެޓިސްޝަންއެވެ.

މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިއަހަރުގެ ޖުލައި 8 ވަނަ ދުވަހުއެވެ. މި ގާނޫނު ތަސްދީގުކުރުމާއެކު މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.

comment ކޮމެންޓް