އިންކަމް ޓެކްސްގެ އިސްތިސްނާ ކަނޑައެޅޭ އިސްލާހު ރައީސް ތަސްދީގުކުރައްވައިފި

ޑިސެމްބަރު 15، 2019: ކުރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން: ލާމަރުކަޒީ ބިލު ރައީސް ސޯލިހް ތަސްދީގު ކުރައްވަނީ ---- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ބައެއް ދާއިރާތަކުން ނުވަތަ މަޝްރޫއުތަކުން އިންކަމް ޓެކްސް ނެގުން އިސްތިސްނާކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭގޮތަށް އމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި މި ބިލުގައި ބަޔާން ކޮށްފައިވާ ގޮތުގައި ވިޔަފާރީގެ ވަކި މަޝްރޫއުތަކުން ނޫނީ ވަކި ދާއިރާ ތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުން އިސްތިސްނާ ކުރުމުގެ ބާރާއި އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭނެ އެވެ.

އެ ބިލުގައި ހުށަހަޅާފައިވަނީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ފަހަތަށް 1-12 މާއްދާ އިތުުރުކުރާށެވެ. އެ މާއްދާގައި 15 އަކުރެއް ހިމެނެއެވެ. އެ މާއްދާގައި ބުނަނީ ވަކި ދާއިރާތަކަކުން ނުވަތަ ވަކި މަޝްރޫއުތަކަކުން އިންކަމް ޓެކްސް ނެގުމުން އިސްތިސްނާކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭނެ ކަމަށާއި އިސްތިސްނާކުރެވޭ ދާއިރާތަކާއި މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންވާނީ ކެބިނެޓުގެ މަޝްވަރާގެ މަތިން ކަމަށެވެ.

އިސްތިންސާ ކަނޑައެޅުމުގައި އޭގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރާއި, އިސްތިސްނާގެ ސަބަބުން އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ކުރާނެ ފައިދާއާއި ގެއްލުމުގެ އިތުރުން އިސްތިސްނާ ދީގެން ހާސިލުކުރަން ބޭނުންވާ މަގުސަދު ހާސިލުވާނެ މިންވަރަށް ރިއާއަތްކުރަން ޖެހެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަކީ އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމުކޮށް، އެކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެކެވެ.

އެގޮތުން މި ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖެއިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއް، މި ގާނޫނު ހިނގާ ފަރާތްތަކުގެ ތެރެއަށް ވަނީ އިތުރުކުރެވިފައެވެ.

އަދި ޓެކްސް ދެއްކުމަށް ދެވޭ ހާއްސަ އިސްތިސްނާތަކުގެ ތަފްސީލުވެސް ވަނީ ބަޔާންކޮށްފައެވެ.

ހަމައެއާކު އާމްދަނީ ޓެކްސް ނެގުމުގެ ގާނޫނު އިތުރަށް ފުރިހަމަކުރުމަށްޓަކައި ގެންނަންޖެހޭ މުހިންމު ގިނަ އިސްލާހުތަށް މި ބިލާއެކު ވަނީ ގެނެސްފައެވެ.

comment ކޮމެންޓް