ރައީސް ޔާމީން މިނިވަންކުރުމަށް މަލީހު ގޮވާލައްވައިފި

މުހައްމަދު މަލީހު ޖަމާލު ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަގުތުން ވަގުތަށް މިނިވަންކުރުމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ގޮވާލައްވައިފިއެވެ.

މަލީހު މިފަދައިން ގޮވާލެއްވީ މިރޭ ޕީޕީއެމްއާ އަލުން ގުޅިވަޑައިގަތުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

މަލީހު ވިދާޅުވީ 2023 ވަނަ އަހަރު ގައުމުގެ ވެރިކަމަށް އަލުން ރައީސް ޔާމީން ގެނައުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެކަމަށެވެ.

"ރައީސް ޔާމީނާ ވަރަށް ގާތުން މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު މި ދަންނަވަނީ ރައީސް ޔާމީނަކީ އެއްވެސް ގޮތަކަަށް ވަރުބަލިފުޅުވާ ބޭފުޅެއްނޫން. ހަފްތާގެ ފަސް ދުވަހު މަސައްކަތްކުރެއްވުމަށްފަހު ހަފްތާ ބަންދުގައި ޕޮލިޓިކަލް ނެޓްވޯކިން އާ ކުރިޔަށް އޮތް ހަފްތާ ގެ ރޭވުމާ، މިފަދަ ވަރުގަދަ ވެރިކަމެއް ކުރެއްވި ބޭފުޅެއް ރައީސް ޔާމީނަކީ،" މަލީހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމުގެ ކޮންމެކަމަށް ބަލައިލި ނަމަވެސް މިއަދު ފެނިގެންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ނާގާބިލު ކަމާއި ގައުމުގެ ކަންކަން ރިވާސް ގިޔަރުގައި ހިންގަވާ މަންޒަރުކަމަށެވެ. އަދި މިއަދު ފެނިގެންދަނީ ފަހަތަށް ގައުމު ދާ މަންޒަރުކަމަށް ވެސް ވިދާޅުވިއެވެ.

"އެއީ ޕީޕީއެމުގެ ގައުމުދެކެ ލޯބިވާ ރައްޔިތުން ދެކެން ބޭނުންވާ ދުވަހެއް ނޫން. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ސިއްކައާއި ސައްތާރާއި ދެ ބޭފުޅުންގެ ކޯޅުމުގައި ގައުމު ހުއްޓިފައިވާ ތަން. އެތަން ބަލަން ދިވެހި ރައްޔިތުން ބޭނުންނުވޭ،" މަލީހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ ފެނިގެންދަނީ ބަޖެޓު ޑެފެސިޓްވެފައިވާ މަންޒަރުކަމަށެވެ. އަދި ފާއިތުވި ތިން އަހަރު ތެރޭ އެއްވެސް ތަރައްގީގެ މަޝްރޫއެއް ގެނެވިފައިނުވާކަމަށް ވިދާޅުވިއެވެ.

"ކުރުގޮތަކަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ޕީޕީއެމުގެ ސަރުކާރުގައި ފުރަތަމަ އެއް މަސްދުވަހު ކުރި މަސައްކަތް އެމްޑީޕީގެ ސަރުކާރުގެ ތިން އަހަރު ތެރޭ ކުރެވިފައިނުވާކަން،" މަލީހު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެންމެ ފުރަތަމަ ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަން ކުރެއްވި މަލީހް ޖަމާލް އެ މަގާމުން ވަކިކުރީ މިދިޔަ މާޗް މަހުގެ އެއް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ. އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުންވެސް ވަނީ މަލީހު ވަކިކުރުމަށް ވޯޓުދޭން ފާސްކޮށްފައެވެ.

އެ ވޯޓަށް ހަފްތާއެއް ނުވަނީސް މަލީހު ވަނީ އޭނާ މިހާރު ގަސްދުކޮށްގެން ނިކުމެ ހުރީ ވެރިކަން ކުރާ އެމްޑީޕީއާ އިދިކޮޅަށްކަމަށާއި އެހެންނަމަވެސް އަދި އިދިކޮޅު ކޯލިޝަނާ ގުޅިވައިޑައިގަންނަވަން ނުނިންމަވާކަމަށް ވިދާޅުވެފައެވެ. އަދި މާޗް 10 ވަނަ ދުވަހު މަލީހު ވަނީ ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައިގެންފައެވެ. އަދި މިއަދު އެވަނީ އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.

comment ކޮމެންޓް