އީދު ދުވަހަކީ އެކަކު އަނެކަކަށް މާފުކޮށް ހިތްހެޔޮކަން ފާޅުކުރަންވީ ދުވަސް: ސިޔާމް

މާޗް 17، 2019: އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އީދު ދުވަހަކީ އެކަކު އަނެކަކަށް މާފުކޮށް ހިތްހެޔޮކަން ފާޅުކޮށް އެއްބަނޑު އެއްބަފާކަމުގެ ލޯބި ރައްދުކުރަންވީ ދުވަސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އަޟްހާ އިދާ ގުޅިގެން ސިޔާމް ނެރުއްވި ބަޔާނުގައި ވިދާޅުވީ އީދު ދުވަހު ކޮންމެ މީހެއްގެވެސް ވާޖިބަކަށް ވާންވާނީ އާއިލާގެ މީހުންގެ ހާލު ބަލައި، އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ. އަދި އެއީ ދީނީ ގޮތުންނާއި އާއިލީ ގޮތުން އޮތް ވާޖިބެއްކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ މުސްލިމުންގެ ކޮންމެ އީދަކީވެސް އޭގައި ފުރިހަމަ އިޖްތިމާއީ ރޫހެއް އެކުލެވިފައިވާ އީދެއްކަމަށެވެ. އެގޮތުން އަޟްހާ އީދު އުފާވެރިކަމާއެކު ފާހަގަކުރަނީ މުޖުތަމައުގައި އެކުވެރިކަމާއި އުފާވެރިކަން ފެތުރުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިޔާމް ވަނީ އެމްޑީއޭގެ ހުރިހާ މެމްބަރުންނާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި މުސްލިމުންނަށް އީދުގެ ތަހުނިޔާ ފޮނުވާފައެވެ.

އަދި ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް އެއްބާރުލުން ދެއްވައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ސިޔާމް އެދިވަޑައިގަތެވެ.

comment ކޮމެންޓް