އެތައް ގަރުނެއްގެ ކުރީގެ ތާރީޚީ ހާދިސާތަކާއެކު އަރަފާތު ދުވަސް!

މުޒްދަލިފާގައި ކީރިތި ރަސޫލާ ނަމާދުކުރެއްވި ތަނުގައި ބިނާކޮށްފައިވާ މަސްޖިދުލް މަޝްއަރުލްހަރާމް

ހިޖްރީ ކޮންމެ އަހަރެއްގެ ހައްޖު މަހުގެ ނުވަވަނަ ދުވަހަކީ ބަރަކާތްތެރި ހައްޖު ދުވަހެވެ. މިއަދަކީ ހިޖްރީގޮތުން 1442 ވަނަ އަހަރުގެ ހައްޖު ދުވަހެވެ. ނުވަތަ އަރަފާތު ދުވަހެވެ. އަރަފާތު ދުވަހަކީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ މިބިންމަތީގައި ލެއްވެވި އެންމެ މާތް ދުވަހެވެ.

އަރަފާތު ދުވަހަކީ ހައްޖުވެރިން ހައްޖުގެ އެންމެމަތީ ރުކުން އަދާކުރުމަށް ޓަކައި އަރަފާތު ބިމުގައި ނުވަތަ އަރަފާގެ ބިމުގައި ތިބޭ ދުވަހެވެ. އަރަފާތު ބިމަށް ގޮސް އެތާނގައި ތިބުމަކީ ހައްޖުގެ އެންމެ މުހިއްމު ރުކުން ކަމަށްވުމުގެ އިތުރުން އެއީ އެއާ ނުލައި ހައްޖުގެ އަޅުކަން ފުރިހަމަ ނުކުރެވޭ ރުކުނެކެވެ. މި ރުކުން އަދާ ކުރުމަށް ޓަކައި ރޭ ފަތިހުން ފެށިގެން ހައްޖުވެރިން ވަނީ އަރަފާތަށް ޖަމާވުމުގެ ދަތުރު ފަށައިފައެވެ. މިއަދު މެންދުރުކުރިން ހައްޖުވެރިން ޢަރަފާތަށްގޮސް ނިމޭނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ތަރްވިޔާގެ ދުވަސް

އަރަފާތު ބިމުގައި ތިބުމުގެ ކުރިން ހައްޖުވެރިން ތަރްވިޔާގެ ދުވަސް ފާހަގަކުރަންޖެހެއެވެ. ތަރްވިޔާގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޙައްޖުވެރިން މިނާގެ މަޝްޢަރަށްގޮސް އެތަނުގައި ތިބެނީ ކީރިތި ރަސޫލުﷲ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ޢަމަލުކުރައްވާފައިވާތީ އެކަލޭގެ ފާނުގެ ސުންނަތަށް އިޤްތިދާ ވުމުގެ ގޮތުންނެވެ.

މިނާގައި ހައްޖުވެރިން ތިބޭ ފޭލިގެތައް

މި ރިޕޯޓްގައި ހައްޖުގެ ބައެއް މަޝްޢަރުތަކާ އެތަންތަނުގައި ހިނގާފައިވާ ތާރީޚީ ބައެއް ޙާދިސާތަކާ ބެހޭގޮތުން ތާރީޚީ ނަޒަރަކުން ބަލާލާނަމެވެ.

އަރަފާތު ފަރުބަދަ (ޖަބަލް އަރަފާތު)

އަރަފާތުގައި ހުންނަ އެންމެ ތާރީޚީ ތަނަކީ ޖަބަލު އަރަފާތު ނުވަތަ ޖަބަލުއްރަޙްމާ އެވެ. މީގެ ސާދަ ގަރުނުގެ ކުރިން ކީރިތި ރަސޫލާ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ކުރެއްވި މަޝްހޫރު ހައްޖު ކަމަށްވާ ހައްޖަތުލްވަދާއުގައި އެކަލޭގެފާނު ޚުތްބާ ދެއްވީ ޖަބަލުއްރަޙްމާ ނުވަތަ ޖަބަރު އަރަފާތުގެ ތިރީގައި ހުންނަވައިގެންނެވެ. އިސްލާމް ދީނުގެ މާތް ރިސާލަތު ފުރިހަމަކޮށް ދެއްވިކަމުގެ އާޔަތް ބާއްވާލެއްވީ އެކަލޭގެފާނު މިފަރުބަދައިގެ ތިރީގައި ހުންނަވަނިކޮށެވެ.

މިއާޔަތަކީ [الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا] [المائدة:3] އެވެ. މިއާޔަތް ބާއްވާލެއްވީ ކީރިތި ރަސޫލާ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) އަރަފާތު ފަރުބަދައިގެ ތިރީގައި ހުންނަވަނިކޮށެވެ. މިހާރު އަރަފާތު ދުވަހުގެ ޚުތުބާ އިއްވަނީ މަސްޖިދުއްނަމިރާގައި މެންދުރު ނަމާދަށްފަހުގަ އެވެ.

އަރަފާތުގައިވާ ޖަބަލުއްރަހްމާ

ހައްޖު ދުވަހުގެ މެންދުރު ނަމާދަށްފަހު މަސްޖިދުއްނަމިރާގައި ޚުތުބާ ދެނީ ކީރިތި ރަސޫލާ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ހައްޖަތުލްވަދާއު ގައި ދެއްވި ތާރީޚީ ޚުތުބާއަށް ތަބާވެ އެކަލޭގެފަނުގެ ސުންނަތަށް އިޤްތިދާ ވުމުގެ ގޮތުންނެވެ. މުސްލިމުން ހައްޖުގެ އަޅުކަން ކުރަމުންގެންދަނީ ހައްޖަތުލްވަދާޢުގައި އެއްލައްކަ މުސްލިމުންނާއެކު އެކަލޭގެފާނު ހައްޖުކުރެއްވި ގޮތަށެވެ. އަރަފާތުގެ ބިމުގައި ހައްޖުވެރިން މެންދުރު ނަމާދާއި އަސްރު ނަމާދުކުރާނީ ގަސްރުކޮށް ޖަމްއުކޮށް (ޖަމްއު ތަގްދީމް) ކޮށެވެ. އެއީ ކީރިތި ރަސޫލާވެސް އަރަފާތު ދުވަހު މެންދުރުނަމާދާއި އަސްރު ނަމާދު ކުރެއްވި ގޮތެވެ.

ޖިބްރީލްގެފާނު އިބްރާހީމްގެފާނުގެ ވަށައިގެން ތަވާފް ކުރައްވައި ދެބޭފުޅުން ތައާރަފްވެ ވަޑައިގަތީ އަރަފާތުގައި

އިބްރާހީމް ގެފާނު (އަލައިހިއްސަލާމް)، މައްކާގައި އުޅުއްވި ދުވަސްވަރު އެކަލޭގެފާނު ވަށައިގެން ސަލާމް ލެއްވި ޖިބްރީލުގެފާނު ތަވާފް ކުރައްވައި ޖިބްރީލްގެފާނަކީ ކޮންބޭފުޅެއްކަން އިބްރާހީމްގެފާނަށް ތައާރަފްވެ ވަޑައިގެންނެވި ކަމަށްވަނީ އަރަފާތުގެ ބިމުގައެވެ.

މަސްޖިދުއްނަމިރާ

މިއަދުގެ ބޮޑުބައި ޢަރަފާތުގެ ބިމުގައި ހޭދަކުރުމަށް ފަހު އިރު އޮއްސޭންފެށުމުން ހައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. މި ރެއަކީ އަޟްޙާ ޢީދުވިލޭރެ އެވެ. މިރޭ ހައްޖުވެރިން ތިބޭނީ މުޒްދަލިފާގައެވެ. މުޒްދަލިފާއަކީ އަރަފާތާއި މިނާއާދެމެދު އޮންނަ ބިމެކެވެ. މުޒްދަލިފާއަށްގޮސް ހައްޖުވެރިން މަޣްރިބް ނަމާދާއި އިޝާނަމާދު ކުރާނީ ގަސްރުކޮށް ޖަމްޢުކޮށް (ޖަމްއު ތައުޚީރު) ކޮށެވެ. އެއްބަންގިއާއި ދެ ގަމަތް ދޭ ގޮތަށެވެ. އެއީ ކީރިތި ރަސޫލާ އަމަލުކުރެއްވި ގޮތެވެ. އެކަލޭގެފާނު އެގޮތަށް މުޒްދަލިފާގައި ނަމާދު ކުރެއްވީ މުޒްދަލިފާގައި އެދުވަސްވަރު ބިނާކުރެއްވި މަޝްއަރުލްހަރާމް މިސްކިތުގައެވެ.

މުޒްދަލިފާގައި ރޭކުރުން

މުޒްދަލިފާގައި ނިދާލުމަށްފަހު ފަތިސްވުމުން ފަތިސްނަމާދުކުރުމަށްފަހު އެތަނުން ހިލަ ހޮވައިގެން މިރޭފަތިހު ހައްޖުވެރިން ދާނީ އަނެއްކާވެސް މިނާއަށެވެ. މުޒްދަލިފާއާއި މިނާއަކީ ވަރަށް ކައިރީގައިވާ ދެތަނެވެ. ދުރުމިނަކީ ފަސް ކިލޯމީޓަރެވެ. އެހެންކަމުން މުޒްދަލިފާއިން މިނާއަށް ހައްޖުވެރިން އާންމު ގޮތެއްގައި ދާނީ ހިނގާފައެވެ.

މުޒްދަލިފާގައި ކީރިތި ރަސޫލާ ނަމާދުކުރެއްވި ތަނުގައި ބިނާކޮށްފައިވާ މަސްޖިދުލް މަޝްއަރުލްހަރާމް

ނަމަވެސް އުޒުރުވެރިން ދާނީ ވެހިކަލްތަކުގައެވެ. ހައްޖުގެ މަޝާއިރުތައް ކުރިޔަށްދަނީ މިނާއާއި އަރަފާތާ އަދި މުޒްދަލިފާގެ އިތުރުން މައްކާގެ ހަރަމްފުޅުގައެވެ. އާންމުގޮތެއްގައި 2.6 މިލިޔަނާއި 2.7 މިލިޔަނާ ދެމެދުގެ އަދަދެއްގެ މުސްލިމުން އެހެން އަހަރުތަކުގެ ހައްޖުގައި ބައިވެރިވި ނަމަވެސް ކޮވިޑްގެ ބިރުވެރިކަމާ ގުޅިގެން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވަނީ ގާތްގަނޑަކަށް 60 ހާސް މީހުންނެވެ.

ހައްޖުވެރިން އަރަފާތުން މުޒްދަލިފާއަށް އަދި މުޒްދަލިފާއިން މިނާއަށް ނަފްރާކުރުމާއި ހިލައުކުން

މިއަދުގެ އިރު އޮއްސޭއިރު ހައްޖުވެރިން އަރަފާތުން މުޒްދަލިފާއަށް ނަފްރާ ކުރާނެއެވެ. އަދި ފަތިހު މުޒްދަލިފާއިން މިނާއަށް ގޮސް ހައްޖުވެރިން އުޟްޙިޔާ ނުވަތަ ހަދްޔު ކަތިލާނެއެވެ. މިކަން ކުރިޔަށްގެންދާނީ ހައްޖުވެރިން ފައިސާ ދެއްކުމުން ކަމާބެހޭ ސައޫދީ މުއައްސަސާތަކުންނެވެ. އެއަށްފަހު ޖަމްރާތަކަށް ހިލަ އުކުމަށްޓަކައި ހައްޖުވެރިން އީދު ދުވަހުގެ އިތުރުން އަދި ތިން ދުވަސްވަންދެން މިނާގައި މަޑުކުރާނެއެވެ. އަދި ބޯބާލައި ނުވަތަ ކުރުކޮށް ބޯކޮށާނެއެވެ.

އަވަހަށް ތަހައްލުލުވާން ބޭނުންވާ ހައްޖުވެރިން ތިބޭނީ އެއްދުވަހު ނުވަތަ ދެދުވަހު އެވެ. އެއަށް ފަހު މައްކާގެ ހަރަމްފުޅަށްގޮސް ތަވާފުލް އިފާޟާކޮށް ސަޢްޔު ކުރުމުން ހައްޖުގެ އަޅުކަން ނިމުނީ އެވެ. ޢަރަފާތު ބިމަށް ދިޔުމުގެ ކުރިން ހައްޖުވެރިންވަނީ ކީރިތި ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް އިޤްތިދާ ވުމުގެގޮތުން މިނާއަށްގޮސް ތަރްވިޔާގެ ދުވަހުގައި މިނާގައި ތިބެފައެވެ.

ހައްޖުގެ މަޝްޢަރުތައް

ހައްޖުގެ މަޝްޢަރުތަކުގެ ތެރެއިން އަރަފާތުގެ ބިމަކީ މައްކާގެ ހަރަމްފުޅާ ވިހި ކިލޯމީޓަރު ދުރުގައިވާ ބިމެކެވެ. އެބިމުގެ ބޮޑުމިނަކީ ދިހައެއް ޕޮއިންޓް ހަތަރެއް އަކަ ކިލޯމީޓަރެވެ. އެބިން ވަކިވާގޮތަށް ސައޫދީންވަނީ ފާހަގަތައް ޖަހާފައެވެ. މުޒްދަލިފާއަކީ މައްކާގެ ހަރަމްފުޅާ ބާރަ ކިލޯމީޓަރު ދުރުގައިވާ ބިމެކެވެ. މުޒްދަލިފާގެ ބޮޑުމިނަކީ ބާރައަކަ ކިލޯމީޓަރެވެ. މަސްޖިދު މަޝްޢަރުލްހަރާމް ހުންނަނީ މުޒްދަލިފާގައެވެ. މިއީ މުޒްދަލިފާގައި ކީރިތި ރަސޫލާ ރޭކުރެއްވިއިރު ނަމާދުކުރެއްވި މިސްކިތްކޮޅެވެ. އަނެއްކޮޅުން މިނާއަކީ މައްކާގެ ހަރަމްފުޅުގެ އިރުން ފަސްކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. ޖަމްރާތައް ހުންނަނީ މިނާގައެވެ.

އަގަބާގައި ކީރތި ރަސޫލާ ބައިއަތު ހިއްޕެވީ ޖަމްރާތަކުގެ ސަރަހައްދުގައި

މިނާގައި ޖަމްރާތައް ހުންނަ ސަރަހައްދަކީ ކީރިތިރަސޫލާ ރަސޫލުކަމާގެން ފޮނުއްވިތާ ބާރަ ވަނައަހަރާއި ތޭރަވަނަ އަހަރު މަދީނާގެ އައުސް ވަންހައާއި ޚަޒްރަޖު ވަންހައިގެ މީހުންނާ އެކަލޭގެފާނު ބައްދަލުކުރައްވައި ބައިއަތު ހިއްޕެވި ސަރަހައްދެވެ.

އަގަބާގެ ފުރަތަމަ ބައިއަތު

އަގަބާގެ ފުރަތަމަ ބައިއަތު ހިއްޕެވީ ކީރިތި ރަސޫލާ މުހައްމަދު (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ރަސޫލުކަމާގެން ފޮނުއްވިތާ ބާރަ ވަނައަހަރު މަދީނާގެ ބާރަމީހުންނާ އެކުގައެވެ.

އަގަބާގެ ދެވަނަ ބައިއަތު

ކީރިތި ރަސޫލާ ރަސޫލުކަމާގެން ފޮނުއްވިތާ ތޭރަވަނަ އަހަރު އަގަބާގެ ދެވަނަ ބައިއަތު ހިއްޕެވީ މަދީނާގެ ހަތްދިހަ ފަސް މީހުންނާއެކުގައެވެ. އެއީ ހަތްދިހަ ތިން ފިރިހެނުންނާއި ދެ އަންހެނުން ހިމެނޭގޮތަށެވެ.

ޖަމްރާތައް ހުންނަ ސަރަހައްުދުގައިވާ މަސްޖިދުލްޚީފު )ކީރިތި ރަސޫލާ އަގަބާގައި ބައިއަތު ހިއްޕެވި ތާރީޚީ ޙާދިސާ ހިނގާފައިވަނީ މިތަނުގެ ކައިރީގައި

ބައިއަތު ހިއްޕެވީ މަދީނާގައި އިސްލާމް ދީން ފެތުރުމަށާއި މަދީނާއަށް ހިޖްރަ ކުރެއްވުމަށް މަގުފަހި ކުރެއްވުމުގެ ގޮތުންނެވެ. އަދި މަޝްހޫރު ޚީފު މިސްކިތްވެސް ހުންނަނީ ޖަމްރާތަކުގެ ސަރަހައްދުގައެވެ.

މިނާ

މިނާއަކީ ދެފަރުބަދަ ދެމެދުގައި އޮންނަ ވާދީއެކެވެ. މިނާގެ ބޮޑުމިނަކީ ސޯޅަ ޕޮއިންޓް އަށެއް އަކަ ކިލޯމީޓަރެވެ. އެއީ މައްކާގެ ހަރަމްފުޅުގެ ތެރޭގައި ހިމެނޭ ބިމެކެވެ. މިނާއާއި މުޒްދަލިފާއާ ދެމެދު ހުންނަނީ ފަސް ކިލޯމީޓަރެވެ. މިނާގައި ހައްޖުވެރިން ތިބުމަށް ފޭލިގެ ޖަހާފައިވެއެވެ.

comment ކޮމެންޓް