އޮލިމްޕިކް މެޗުތަކަށް ސަޕޯޓަރުން ވެއްދުމަށް ޖަޕާނުގެ ކެޕްޓަން ގޮވާލައިފި

ޖަޕާނުގެ ކެޕްޓަން މާޔާ ޔޮޝީޑާ --- ފޮޓޯ//ލައިވްސްކޯ

ކޮވިޑްގެ ސަބަބުން މިހަފުތާ ފަށައި އޮލިމްޕިކްސްގެ މެޗުތަކަށް ސަޕޯޓަރުން ނުވެއްދުމަށް އިންތިޒާމީ ކޮމިޓީން ނިންމާފައިވަނިކޮށް އެ ނިންމުން ބަދަލުކުރުމަށް އޮލިމްޕިކް ބާއްވާ ޖަޕާނުގެ ކެޕްޓަން މާޔާ ޔޮޝީޑާ ގޮވާލައިފި އެވެ.

ޖަޕާނުގެ ކެޕިޓަލް ޓޯކްޔޯގައި ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން ދިގުދަންމާލާފައިވާ އިރު، އޮލިމްޕިކްސްގެ މެޗުތަކަށް ސަޕޯޓަރުން ނުވައްދަން ނިންމީ މި މަހުގެ ކުރީކޮޅެވެ. އެއާ އެކު ފާޑުކިޔުންތައް އަމާޒުވި ނަމަވެސް އެންމެ ފުރަތަމަ އިސްކަމެއް ދޭން ޖެހޭނީ އެތުލީޓުންނާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް އޮލިމްޕިކްސް އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ކޮވިޑްގެ ބިރު އިންތިހާއަށް ޖަޕާނުގައި ބޮޑުވެފައިވަނިކޮށް އޮލިމްޕިކްސް ނުބޭއްވުމަށް މީގެ ކުރިން ވެސް އެގައުމުގެ ސިއްހީ މާހިރުން ގޮވާލާފައިވާ އިރު، މިދިޔަ ހޮނިހިރު ދުވަހު އޮލިމްޕިކުން ވަނީ މިފަހަރުގެ ގޭމްސްގެ އެތުލީޓުންނަށް ހާއްސަކުރެވިފައިވާ ވިލެޖުން ކޮވިޑްގެ ކޭސްތަކެއް ފެނިފައިވާކަމަށް ބުނެފަ އެވެ.

އެކަމަކު ސަޕޯޓަރުންނާ ނުލައި އެ ގޭމްސް ކުރިއަށް ގެންދިއުމަކީ މުބާރާތް ބާއްވާ ޖަޕާނަށް އިންސާފަކަށް ނުވާނެ ކަމަށާއި، މި ބޮޑު ގޭމްސް ބޭއްވުމަށް އެންމެ ބޮޑު ޚަރަދެއް ކުރީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށްވާއިރު، އެ މީހުންނަށް މެޗުތައް ބަލަން ދެވެން ޖެހޭނެ ކަމަށް ޖަޕާނުގެ ކެޕްޓަން ޔޮޝީޑާ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވޭ ކަމުގައިވާނަމަ މުބާރާތް ބޭއްވުމުގެ ހަގީގީ މާނަ އޮޅޭ ކަމަށެވެ. އަދި އޭގެން ހޯސްޓް ގައުމު ޖަޕާނަށް ފައިދާއެއް ނެތް ކަމަށް ޔޮޝީޑާ ވަނީ ބުނެފަ އެވެ.

"މުބާރާތް މި ބާއްވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން. އެމީހުން ލާރި ދީފައި އެމީހުނަށް ދަނޑަށް ނުވަދެވެންޏާ އެއީ އިންސާފެއް ނޫނެ. މުބާރާތް ބޭއްވުމުގެ މަގުސަދު މިއޮތީ އޮޅިފައި،" ޔޮޝީޑާ ބުންޏެވެ.

އިޓަލީގެ ސަމްޕްޑޯރިއާއަށް ކުޅެމުން އަންނަ ޔޮޝީޑާ އިތުރަށް ބުނީ މި ގޭމްސްގައި ވާދަކުރާ އެތުލީޓުންގެ އިތުރުން އެ އެތުލީޓުންގެ އާއިލާތަކަށް އެކުޅުންތެރިންނަށް ހިތްވަރުދޭން ފުރުސަތު ދޭންޖެހޭ ކަމަށެވެ. އެއާ އެކު އޮލިމްޕިކްގެ ނިންމުން ބަދަލުކުރުމަށް އޭނާ ވަނީ އެދިފަ އެވެ.

comment ކޮމެންޓް