ސަސްގައި ކުޅުނު މިރްޒޮހިދު މާޒިޔާއަށް ސޮއިކޮށްފި

މާޒިޔާއަށް ގެނައި ޒްބެކިސްތާންގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް -- ފޮޓޯ//މާޒިޔާ

މިދިޔަ ސީޒަނުގައި މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ސުޕަ ޔުނައިޓެޑް (ސަސް) ގެ ކީޕަރަކަށް ކުޅުނު އުޒްބެކިސްތާންގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް މާޒިޔާ އަށް ބަދަލުވެއްޖެ އެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާއަށް ލީގު ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ. ލީގު ތިން ބުރަކަށް ބަހާލައިގެން ކުޅެން ތާވަލުކޮށްފައި އޮތް ނަމަވެސް ކޮވިޑްގެ ހާލަތު މާލޭގައި ގޯސްވުމުގެ ސަބަބުން އޭރު އެޗްޕީއޭއިން ހެދި ގައިޑްލައިންތަކާ އެކު ލީގުގެ ތިންވަން ބުރު ކެންސަލް ކުރުމުން އެއްވަނައިގައި އޮތް މާޒިޔާއަށް ވަނީ ޗެމްޕިއަންކަން ލިބިފަ އެވެ.

މާޒިޔާއިން ކުރިއަށް އޮތް އޭއެފްސީ ކަޕުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިސްތައް ފަށާއިފައިވާ އިރު، އެ ޓީމުން މިވަގުތު އަންނަނީ ޓީމުގެ ސްކޮޑު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ޓީމުން މިދިޔަ ސީޒަނުގައި ސަސްއަށް ކުޅުނު ކީޕަރު ވަނީ ގެންގޮސްފަ އެވެ. މިރްޒޮހިދު މަމަކްތޯނޯފް މިހާރު ވަނީ މާޒިޔާގެ ޕްރެކްޓިސްތަކަށް ނުކުންނަން ފަށައިފަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ލީގުގައި ސަސް އިން ކުޅުނު ހުރިހާ މެޗެއްގައި ވެސް އެ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ.

މާޒިޔާއިން ބުނީ މިރްޒޮހިދު އަކީ މިދިޔަ ސީޒަނުގައި ރާއްޖޭގެ ލީގުގައި ކުޅުނު އެންމެ މޮޅު އެއް ކީޕަރުކަމަށާއި އޭނާ މާޒިޔާއަށް އައުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މިދިޔަ ސީޒަނުގައި މާޒިޔާގެ ގޯލު އެންމެ ފުރަތަމަ ބެލެހެއްޓީ ސާބިއާގެ ގޯލްކީޕަރު ނިކޮލަ ވުޔަަނަކް އެވެ. ނިކޮލަ ފޮނުވާލުމަށް ފަހު ކީޕަރު ހުސެއިން ޝަރީފް (ހުސެން) މާޒިޔާ ބާކީ މެޗުތަކުގައި އެ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ.

އެ ސީޒަންގެ މެދު ޓްރާންސްފާ މާކެޓްގެ ތެރެއިން މާޒިޔާ އިން ވަނީ ކުރިން ވެސް އެ ޓީމަށް ކުޅުނު ސީރިއާގެ ގޯލްކީޕަރު މަހުމޫދު އަލް ޔޫސުފް ސޮއިކޮށްފަ އެވެ. އޭނާ ފަހުން ކަކުލަށް އަނިޔާވެގެން ޓީމުން ވަނީ ދޫކޮށްލައިފަ އެވެ.

މާޒިޔާ އަންނަ މަހު ކުޅޭ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ސްޓޭޖުގައި ކުޅޭނެ އެވެ. މާޒިޔާގެ އިތުރުން މި ވަގުތު ގްރޫޕް ސްޓޭޖުގައި އޮތީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ. މި ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ރާއްޖޭގެ ކްލަބް އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅެގެން މޮޅުވާ ޓީމަކަށެވެ.

comment ކޮމެންޓް