ހަނގުރާމަ ހުއްޓާލައި ބައިނަލްއަގްވާމީ މުޖްތަމައާއެކު ގުޅުން ގާއިމުކުރަން އެދޭކަން ތާލިބާނުން ހާމަކޮށްފި

ތާލިބާނުންގެ ޑިޕްލޮމެޓިކް ވަފްދު ދައުހާގައި

ދޯހާ (ޖުލައި 18): އަފްގާނިސްތާނުގައި ސުލްހަ ގާއިމުކުރުމަށް އެއްބާރުލުން ދިނުމަށާއި ބައިނަލްއަގްވާމީ މުޖްތަމައާއެކު ގުޅުންތަައް ގާއިމު ކުރަން ބޭނުންވާކަން އަފްގާނިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތްކަމަށްވާ ތާލިބާން ޖަމާއަތުން ބުނެފިއެވެ.

ގަތަރު މެދުވެރިއަކަށް ވެގެން އަފްގާން ސަރުކާރާއި ތާލިބާނުންނާ ދެމެދު ދޯހާގައި ކުރިޔަށްގެންދާ ސުލްހައިގެ ބައްދަލުވުމުގައި ބައިވެރިވާ ތާލިބާނުންގެ ވަފްދުން ބުނީ ހަނގުރާމަކޮށް ބައިނަލްއަގްވާމީ މުޖުތަމައާ އެކަހެރިވެގެން އުޅުމަކީ އެޖަމާއަތުގެ އަމާޒު ނޫންކަމުގައެވެ. ނަމަވެސް އަފްގާނިސްތާނުގައި ސުލްހަ ގާއިމްކުރުމާއި ބައިނަލްއަގްވާމީ މުޖްތަމައާއެކު ގުޅުންތައް ގާއިމުކުރެވޭނީ އަފްގާނިސްތާނުގެ ދީނީ އަދި ގައުމީ މަސްލަހަތަށް ރިއާޔަތްކޮށްގެންކަމަށާ ކުރިންވެސް ތާލިބާނުންގެ ސިޔާސަތު އޮތީ އެގޮތަށް ކަމަށް އެޖަމާއަތުގެ ވަފުދުން ބުނެފައިވެއެވެ.

އަފްގާން ސުލްހައިގެ ބައްދަލުވުން ދައުހާގައި

ތާލިބާނުން މިހެން ބުނިނަމަވެސް އެޖަމާއަތުން ގެންދަނީ އަފްގާން ސަރުކާރުގެ ބާރުތަކާ ހަނގުރާމަ ކުރަމުންނެވެ. ނަމަވެސް އަފްގާން ސަރުކާރާއެކު ކުރިޔަށްގެންދާ މަޝްވަރާތަކުގައި ސުލްހަ ގާއިމްކުރުމުގެ އެއްބަސްވުމަކާ ހަމައަށް ދެވިއްޖެނަމަ ހަމަލާތައް ބަދަލުކުރުން ހުއްޓާލަން ތައްޔާރަށް އޮތްކަން ތާލިބާނުންގެ ވަފްދުން ބުނެފައިވެއެވެ. ފާއިތުވި ހައެއްކަ އަހަރު ތެރޭގައި ތާލިބާނުންގެ ސުލޫކަށް ބަދަލުތަކެއް އައިސްފައިވާކަން މުހައްލިލުން ފާހަގަ ކުރައްވައެވެ.

މީގެތެރޭގައި އެމެރިކާއިން އަފްގާނިސްތާނުގައި އެގައުމުގެ ކުށެއްނެތް އާންމުންގެ އެތަށް ލައްކަ ބައެއްގެ އިންސާނީ ހައްގުތަކަށް އަރައިގަނެ ލައްކައިން މީހުން މަރައި ލާއިންސާނީ ޖަރީމާތަކެއް ހިންގާފައިވީނަމަވެސް އަފްގާން ގައުމީ މަސްލަހަތަށް ރިއާޔަތްކޮށް އެމެރިކާ ފައްސާލުމަށްޓަކައި އެމެރިކާއާއެކު ސުލްހައިގެ އެއްބަސްވުމަކަށް ތާލިބާނުން ދިޔުމާއި އެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލުމަށް ސިޔާސީ ގޮތުން މަގިފަހިކުރުމަށް ތާލިބާނުންކުރި ޑިޕްލޮމެޓިކް މަސައްކަަތްތައް ހިމެނެއެވެ.

ތާލިބާނުންގެ ވަފްދު ދައުހާގައި

މީގެއިތުރުން ތާލިބާނުން ވަނީ ކުރިން އެޖަމާއަތުން ދުޝްމަނުންގެ ގޮތުގައި ދެކެމުންއައި އީރާނާއި ރަޝިއާއާއެކުވެސް ރަނގަޅު ގުޅުންތަކެއް ގާއިމުކޮށްފައެވެ. އަދި އެންމެ ފަހުން ތާލިބާނުން މިވަނީ އަފްގާން ސަރުކާރާއެކު ސުލްހައިގެ މޭޒުދޮށުގައިވެސް އިށީނދެފައެވެ.

މިއީ މީގެ 15 ވަރަކަށް އަހަރުކުރިން ތާލިބާނުންގެ ފަރާތުން ފެނުނު ސުލޫކެއް ނޫނެވެ. ތާލިބާނުންގެ ސުލޫކަށް މިބަދަލުތައް ގެނައިއިރު އެމެރިކާވަނީ ތާލިބާނުންނަށް މާބޮޑެތި ދޫތަކެއް މަޖުބޫރުވެގެން ދީފައެވެ. އޭގެތެރޭގައި ތާލިބާނުންނާއެކު ސީދާ ވާހަކަ ދެއްކުމާއި އެޖަމާއަތާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމާއި ތާލިބާނުންނަށް އަފްގާނިސްތާނުގެ މަސްރަހު އެއްކޮށް ދޫކޮށްލުމަށްފަހު އަފްގާނިސްތާނުން އެމެރިކާ ސިފައިން ބޭލުން ހިމެނެއެވެ.

އެމެރިކާއިން ތާލިބާނުންނާ ވާހަކަ ދެއްކުމަކީ މުސްތަހީލް ކަމެއްކަމަށް ކުރިން ބެލެވިފައިވީނަމަވެސް މިކަންކުރަން އެމެރިކާއަށް މަޖްބޫރު ކުރުވީ ތާލިބާނުންނެވެ. ތާލިބާނުން އަސްކަރީ ގޮތުން ބަލިކުރުމުގައި އެމެރިކާގެ ބާރުގަދަ ލަޝްކަރު މުޅިން ނާކާމިޔާބުވެ އަފްގާނިސްތާނުގައި އެމެރިކާއަށް ގޮތް ހުސްވުމުގެ ސަބަބުންނެވެ. 20 އަހަރު ވަންދެން ތާލިބާނުން ބަލިކުރުމަށް ކުރި މަސައްކަތުގައި އެމެރިކާ ނާކާމިޔާބުވުމުން އެމެރިކާއާއި ނޭޓޯއިންވަނީ އަފްގާނިސްތާނުން ފޭބުމަށް ނިންމައި އެދެފަރާތުގެ ސިފައިންގެ 95 ޕަސަންޓު މީހުން އަފްގާނިސްތާނުން ބާލާފައެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 11 ގެ ކުރިން މިދެފަރާތުގެ ސިފައިން އެއްކޮށް އަފްގާނިސްތާނުން ބާލާނެއެވެ.

މިދަނޑިވަޅުގައި ތާލިބާނުން ވަނީ އަފްގާނިސްތާނުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. ތާލިބާނުން ބުނާ ގޮތުގައި އަފްގާނިސްތާނުގެ 85 ޕަސަންޓު ބިން މިހާރު އޮތީ އެ ޖަމާޢަތުގެ ކޮންޓްރޯލްގެ ދަށުގައެވެ. އަފްގާން ސަރުކާރާއި ތާލިބާނުންނާ ދެމެދު އަވަސްގޮތަކަށް ސުލްހަ ގާއިމުކޮށް ތާލިބާނުންގެ އަސްކަރީ ހަމަލާތައް ނުހުއްޓުވިއްޖެނަމަ ގިނަވެގެން ހަ މަސްތެރޭގައި ތާލިބާނުން އަފްގާން ސަރުކާރު ވައްޓާލައި އަފްގާނިސްތާނުގެ ވެރިކަން އަތުލާނެކަމަށް އަސްކަރީ ތަޖްރިބާކާރުން ވިދާޅުވެއެވެ.

comment ކޮމެންޓް