ނައިބު ރައީސްއާއި ފެނަކައިގެ އެމްޑީ ފުވައްމުލަކު ނަރުދަމާ ނިޒާމުގެ މަސައްކަތް ބައްލަވާލައްވައިފި

ނައިބު ރައީސް ފައިސަލްއާއި ފެނަކައިގެ އެމްޑީ ސައީދު ފުވައްމުލަކު ނަރުދަމާގެ މައްސަލަތައް ހައްލުކުރަން ކުރިއަށްދާ މަސައްކަތްތައް ބައްލަވާލައްވަނީ-- ފޮޓޯ/ ފެނަކަ

ފުވައްމުލަކު ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތްތައް ނައިބު ރައީސް ފައިސަލް ނަސީމްއާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުހައްމަދު ސައީދު ބައްލަވާލައްވައިފި އެވެ.

އެ ޒިޔާރަތުގައި ނައިބު ރައީސް ފައިސަލްއާއި ފެނަކައިގެ އެމްޑީ ސައީދު ވަނީ އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައި، އެ މަސައްކަތް ކުރާ ފަރާތްތަކާ ބައްދަލުކުރައްވާފަ އެވެ.

ސައީދު ވިދާޅުވީ އެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމަން ފެނަކައިން ފުރިހަމައަށް އެއްބާރުލުން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އެ ޒިޔާރަތުގައި ސައީދު ވަނީ މި މަޝްރޫއުއާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް އެ ސިޓީގެ ކައުންސިލްއާވެސް ބައްދަލުކުރައްވާފަ އެވެ.

ފުވައްމުލަކު ނަރުދަމާ ނިޒާމުގެ މައްސަލަތައް ހައްލުކުރަން ފެނަކައަށް ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގަ އެވެ. ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 43.2 މިލިއަން ރުފިޔާ އެވެ.

އެ މަޝްރޫއުގެ މަސައްކަތްތައް މިހާރު ނިމުމަކާ ގާތަށް އައިސްފައިވާ ކަމަށް ފެނަކައިން ބުނެ އެވެ.

comment ކޮމެންޓް