ހަނިމާދޫ އެއާޕޯޓަށް ބިން ކަނޑައެޅުމުގައި ހުރި ކަންބޮޑުވުންތަކަށް ހަައްލު ހޯދައިފި: މަބްރޫކް

ހަނިމާދޫ އެއާޕޯޓު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ ބިން ކަނޑައެޅުމުގައި އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިފި ކަަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.

އުތުރުގެ ތިން ރަށަކަށް ކުރައްވަމުން ގެންދަވާ ޒިޔާރާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ ހަނިމާދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމާ ބެހޭގޮތުން މަބްރޫކު "ސަން"އަށް ވިދާޅުވީ ހަނިމާދޫގެ ރައްޔިތުންނާއި ކައުންސިލްގެ ކަންބޮޑުވުމަކަށްވީ އެއާޕޯޓު ތަރައްގީކުރުމަށް ނަގާ ބިންތަކަކީ ޕްރައިމް ބިން ތަކަކަށް ވާތީ ކަަމަށެވެ.

އެހެންކަމުން ރަށު ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ޕްރައިމަރީ ބިންތަކުގެ ބަދަލުގައި އެހެން ސަރަހައްދަކުން އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ނެގުމަށް މިހާރު ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ބޭނުންވާ ބިން ކަނޑައެޅުމުގައި ހުރި ކަންބޮޑުވުންތަކާ މެދު މަޝްވަރާކޮށް، މިހާރު ވަނީ ހައްލެއް ހޯދިފައި," މަބްރޫކް ވިދާޅުވިއެވެ.

ޕްރައިމް ބިންތަކަކީ ގެދޮރު އަޅަން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ހިދުމަތް ދިނުމަށް ތަރައްގީ ކުރެވިދާނެ ފަދަ ބިންތަކެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން މިދިޔަ މާޗު މަހު އެ ރަށު ކައުންސިލަށް ހުށަހެޅުމާއެކު ރަށުގެ ގިނަ އާންމު ރައްޔިތުންނާއި ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް އެގައުމުގެ ސަރުކާރުން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ.

comment ކޮމެންޓް