އަލީ ވަހީދު ޔޫކޭއިން ޑީޕޯޓުކޮށްލުމަށް އެދި އެގައުމުގެ ޕާލަމަންޓަށް ޕެޓިޝަނެއް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ސަން ފޮޓޯ/ ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއްގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށް ޔޫކޭ އިން ޑީޕޯޓުކޮށްލުމަށް އެދި އެގަމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

"ޗޭންޖް ޑޮޓް އޯގް"ގައި ހަސަން ކުރުސީ ކިޔާ ފަރާތަކުން މިއަދު ފެށި އެ ޕެޓިޝަނުގައި މިހާތަނަށް 80 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. އަދި މިހާރުވެސް އަންނަނީ ގިނަ ބަޔަކު ސޮއި ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ދައުވާ އުފުލާފައި ވަނިކޮށް އަލީ ވަހީދު ޔޫކޭއަށް ދިޔައީ ކޯޓުގެ ހުއްދައާ އެކު ބޭސްފަރުވާއަށެވެ.

އަލީ ވަހީދަކީ މީގެ ކުރިންވެސް ޖިންސީ ގޯނާގެ ތުހުމަތުތައް ކުރެވިފައިވާ ފަރާތެއްކަން ފާހަގަކޮށް, ޕެޓިޝަނުގައި ބުނެފައި ވަނީ އަލީ ވަހީދު ހައްޔަރުކޮށް ވަގުތުން ވަގުތަށް ޔޫކޭއިން ޑީޕޯޓުކޮށްލުމަށް ގޮވާލާ ކަމަށެވެ.

ދައުވާ އުފުލާފައި ވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަ އަލީ ވަހީދަށް ބޭސްފަރުވާގެ ކަންކަމަށް ދިން މުއްދަތު ހަމަވީ އިރުވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އަލީ ވަހީދު އެދުމުން ކްރިމިނަލް ކޯޓުން އެކަމަށް ހުއްދަ ދީފައިވަނީ ޕީޖީގެ އިއުތިރާޒާ އެކުވެއެވެ.

އެގޮތަށް ޝަރީއަތް އޮންލައިންކޮށް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ޕީޖީގެ ފަރާތުން މައްސަލަ ހުށަހެޅުމުން، އަންނަ މަހު އޮންނަ އަޑުއެހުމަށް އަލީ ވަހީދު ސުޕްރީމްކޯޓަށް ހާޒިރުވުމަށް އެ ކޯޓުން މިހާރު ވަނީ އަންގާފައެވެ.

https://sun.mv/154374

ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އޭރު މި ސަރުކާރުގެ އެންމެ އިސް އެއް މިނިސްޓަރުކަމުގައިވާ އަލީ ވަހީދު މަގާމުން ވަކިކުރީ މިިޔަ އަހަރުގެ މެދު ތެރޭގަ އެވެ.

އެ މައްސަލައިގައި އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް މި ފަހުން ޕީޖީގެ ފަރާތުން އެދުމުން އެ އަމުރުވެސް ކްރިމިނަލް ކޯޓުން ނެރެދީފައެއް ނުވެއެވެ.

comment ކޮމެންޓް