ލަންކާގައި މަރުގެ ހުކުމުން ސަލާމަތްވި ކުރީގެ މެމްބަރަށް ސަރުކާރުގެ ބޮޑު މަގާމެއް

ސިލްވާ ޖަލުން މިނިވަން ކުރި ފަހުން އޭނާ ވަނީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލު ކުރައްވާފަ -- ފޮޓޯ: ފޭސްބުކް

ކޮލޮމްބޯ (ޖުލައި 18): ސްރީލަންކާގެ ސުޕްރީމް ކޯޓުން މަރަން ހުކުމްކޮށްފައި ވަނިކޮށް ރައީސް ގޯޓާބަޔަ ރާޖަޕަކްސަ މާފު ދެއްވި ކުރީގެ ޕާލަމެންޓު މެމްބަރު ދުމިންދަ ސިލްވާއަށް އެގައުމުގެ ނެޝަނަލް ހައުސިން ޑެވެލޮޕްމެންޓް އޮތޯރިޓީގެ ޗެއާމަންކަން ދީފި އެވެ.

ލަންކާގެ ނިއުސްވަޔާއިން ރިޕޯޓު ކުރި ގޮތުގައި ސިލްވާ ހައުސިން އޮތޯރިޓީގެ ޗެއާމަން ކަމަށް އައްޔަންކޮށްފައިވާކަން ރައީސް އޮފީހުގެ އިސް އޮފިޝަލުންތަކެއް ވަނީ އެ ނޫހަށް ކަށަވަރުކޮށްދީފަ އެވެ. އަދި އެގައުމުގެ ސިންހަލަ ނޫސް ވެބްސައިޓް ލަންކާސީނިއުސް އިން ވަނީ ސިލްވާ އެ މަގާމަށް އައްޔަން ކުރަން ގޯޓާބަޔަ ނިންމަވާފައިވާ ކަމަށް ރައީސްގެ ސެކްރެޓަރީ ވިދާޅުވެފައިވާ ކަމަށް ބުނާ ސިޓީއެއް އާއްމުކޮށްފަ އެވެ.

ލަންކާގެ ޑިފެންސް ސެކްރެޓަރީގެ މަގާމުގައި ގޯޓާބަޔަ ހުންނެވި ދުވަސްވަރު އޭނާގެ އަރިސް ބޭފުޅަކަށްވެ ވަޑައިގެންނެވި ސިލްވާ ޕާލިމެންޓަށް އިންތިހާބުވީ 2010އިގަ އެވެ. އެއީ މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަވެސް އޭރު ހުންނެވި ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫއެންއެފްޕީ)ގެ ފަރާތުން ވާދަ ކޮށްގެންނެވެ.

ނަމަވެސް ޖެހިގެން އައި އަހަރުގެ ލޯކަލް ގަވަމެންޓު އިންތިހާބުގެ ކެމްޕޭން ތެރޭގައި ހިނގި ހަމަލާ ބަދަލު ކުރުންތަކެއްގައި ކުރީގެ ޕާލަމެންޓު މެމްބަރެއް ކަމަށްވާ ބަރުތާ ލަކްޝްމަން ޕްރޭމަޗަންދްރައާއި އޭނާއަށް ތާއިދު ކުރި ތިން މީހަކު މަރުވި އެވެ. އަދި ބަޑީގެ ހަމަލާތައް ދިން އެ ހަމަނުޖެހުމުގައި ސިލްވާ އިސް ދައުރެއް އަދާ ކުރިކަން ސާބިތުވެ، އޭނާ މަރަން ހައި ކޯޓުން 2016 ގައި ހުކުމް ކުރި އެވެ. އަދި ސުޕްރީމްކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން، އެ ކޯޓުން 2018އިގައި ހައި ކޯޓުގެ ހުކުމް ދެމެހެއްޓި އެވެ.

އޭގެ ފަހުން ޖަލުގައި ހުންނެވި ސިލްވާއަށް މިދިޔަ މަހު ގޯޓާބަޔަ ވަނީ މާފު ދެއްވާފަ އެވެ. އަދި މިދިޔަ މަހުގެ 24 ގައި ޖަލުން ދޫކޮށްލި ފަހުން އޭނާ ވަނީ މަހިންދައާ ބައްދަލުކުރައްވާފަ އެވެ.

ސިލްވާއަށް ރައީސް މާފު ދެއްވުމުން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އދގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވަނީ ކުރީގެ ޕާލަމެންޓު މެމްބަރަކު މެރި ކަމަށް ސާބިތުވެފައިވާ މީހަކަށް ރައީސް މާފު ދެއްވާ، މިނިވަން ކުރުމަކީ ގާނޫނީ ވެރިކަމަށާއި ޒިންމާދާރު ކުރުވުމަށް ހުރަސް އެޅޭ ކަމެއް ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް