ތައިލެންޑުގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ ގިނަބަޔަކު މަރުވާން ފެށުމުން އެއްވެއުޅުން މަނާކޮށްފި

ތައިލެންޑް ގެ ވެރިރަށް ބެންކޮކް

ބެންކޮކް (ޖުލައި 18): ތައިލެންޑުގައި ކޮވިޑްގެ ޙާލަތު އިތުރަށް ގޯސްވެ އެބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން މީހުން އެއްވެއުޅުން މަނާކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ތައި ސަރުކާރު ބުނާގޮތުން އެއްވެ އުޅުން މަނާކުރުމުގެ ފިޔަވަޅުތަކާ ހިލާފުވާ މީހުން ދެ އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ 1,200 ޔޫއެސް ޑޮލަރަށްވާ ތައި ބާތުން ޖޫރިމަނާ ކުރާނެއެވެ. މި ފިޔަވަޅުތައް ތަންފީޒުކުރޭތޯ ނުވަތަ ނޫންތޯ ބަލައި ފިޔަވަޅު އަޅާނީ ތައި ސިފައިންނާއި ފުލުހުން ހިމެނޭގޮތަށް ސަލާމަތީ ބާރުތަކުންނެވެ.

ކޮވިޑާ ބެހޭގޮތުން ތައި ސަރުކާރުން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުގައި 10,000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި 141 މީހަކުވަނީ ކޮވިޑުގައި މަރުވެފައެވެ. މިއީ ތައިލެންޑަށް ބަލާއިރު ރެކޯޑު އަދަދެކެވެ.

ތައި ސަލާމަތީ ބާރުތަކުން އެއްވެ އުޅުން މަނާކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަނީ

ތައިލެންޑަކީ މިހާތަނަށް ވަރަށް ސިސްޓަމެޓިކްކޮށް ކޮވިޑް ކޮންޓްރޯލް ކުރަމުން ގެންދިޔަ ގައުމެކެވެ. އެގައުމުގައި މިފަހަކަށް އައިސް ކޮވިޑް ކޭސްތައް ގިނަވަމުން ދިޔަނަމަވެސް އަދިވެސް އެބަލިއޮތީ ކޮންޓްރޯލް ހާލަތުގައެވެ. ތައިލެންޑްގެ ރިޕޯޓްތަކަށް ބަލާއިރު މިހާތަނަށް ގާތްގަނޑަކަށް 400,000 އެއްހާ މީހުންނަށް ކޮވިޑްޖެހި 3,000 ވުރެ ގިނަމީހުންވަނީ އެބަލީގައި މަރުވެފައެވެ.

ތައިލެންޑްގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާއިރު އެގައުމުގެ އަވަށްޓެރި މެލޭޝިއާއާއި އިންޑޮނޭޝިއާގައިވެސް ރެކޯޑު އަދަދުތަކުން މީހުން ދަނީ ކޮވިޑަށް ޕޮޒިޓިވްވެ އަދި އެ ބަލިގައި މަރުވަމުންނެވެ. މެލޭޝިއާއަށް ބަލާއިރު އިއްޔެ އެ ގައުމުގައި 12,000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، 138 މީހުން އެބަލީގައި ވަނީ މަރުވެފައެވެ. އިންޑޮނޭޝިގައި އިއްޔެ 51,000 މީހުންނަށް ކޮވިޑް ޖެހި ހާހަކަށްވުރެ ގިނަ މީހުން އެބަލީގައި ވަނީ މަރުވެފައެވެ.

ތައިލެންޑް، މެލޭޝިއާ އަދި އިންޑޮނޭޝިއާއަކީ ކޮވިޑްގެ ޑެލްޓާ ޕްލަސް ވޭރިއަންޓް ފެތުރިފައިވާ ތިން ގައުމެވެ. މި ތިން ގައުމަކީވެސް ކޮވިޑް ވެކްސިންގެ ކަވަރޭޖް ވަރަށް ދަށް ތިން ގައުމެވެ. ރިޕޯޓުތައް ބުނާގޮތުން ފާއިތުވި ހަފްތާގައި މުޅި ދުނިޔޭގައިވެސް ކޮވިޑް އެންމެ ބާރަށް ފެތުރެމުން ގޮސްފައިވަނީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައެވެ. އެގައުމުތަކުގެ ތެރެއިންވެސް އެންމެ ބާރަށް ކޮވިޑް ފެތުރިފައިވަނީ އިންޑޮނޭޝިއާގައެވެ.

comment ކޮމެންޓް