ޕާކިސްތާނުގައި އަފްގާން ސަފީރުގެ ދަރިފުޅު ރަހީނުކޮށް، އަނިޔާކޮށްފި

ޕާކިސްތާނުގައި ހުންނަވާ އަފްގާނިސްތާނުގެ ސަފީރު ނަޖީބު އަލީޚީލް -- ފޮޓޯ: ޓްވިޓާ

އިސްލާމްއާބާދު (ޖުލައި 18): ޕާކިސްތާނުގައި ހުންނަވާ އަފްގާނިސްތާނުގެ ސަފީރުގެ ދަރިފުޅު ރަހީނުކޮށް، ބަޔަކު އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އަފްގާން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން ސަފީރު ނަޖީބު އަލީޚީލްގެ އަންހެން ދަރިފުޅު، ސިލްސިލާ ރަހީނު ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުނި ނަމަވެސް، އެ ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް ނުދެ އެވެ.

"[އަލީޚީލް] ދޫކޮށްލި ފަހުން އޭނާއަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ޕާކިސްތާނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ސިލްސިލާ އަލީޚީލް ރަހީނު ކުރީ އޭނާ ދަތުރު ކުރަމުން ދިޔަ ކާރަކަށް ބަޔަކު އެރުމަށް ފަހު އެވެ. އަދި އޭނާ ދޫކޮށްލީ ފަސް ގަޑި އިރު ފަހުން ކަމަށް އޭނާއަށް ފަރުވާ ދިން ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް ހޮސްޕިޓަލްގެ މެޑިކަލް އެގްޒަމިނޭޝަން ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން އޭނާ ފަރުވާއަށް ގެންދިޔަ އިރު އޭނާގެ އަތާއި ފައި، ގިނަ އިރުތަކެއް ވަންދެން އައްސާފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.

އަފްގާން ސަފީރު އަލީޚީލް ވަނީ އެ ހަމަލާ ކުށްވެރި ކުރައްވާ، ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ.

އަފްގާން ސަރުކާރުންވެސް ވަނީ އެ ހަމަލާ ކުށްވެރިކޮށް، ޕާކިސްތާނުގައި ތިއްބަވާ އެގައުމުގެ ޑިޕްލޮމެޓުންގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ހާދިސާއާ ގުޅިގެން އަފްގާން ސަފީރާ ގުޅުން ހުރި ސަލާމަތީ ކަންތައްތައް ވަނީ ވަރުގަދަ ކޮށްފަ އެވެ. އަދި އެ ހަމަލާ ދިން މީހުން 48 ގަޑި އިރު ތެރޭ ހައްޔަރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އަންގަވާފައިވާ ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުންޏެވެ.

ޕާކިސްތާނުގައި އެ ހާދިސާ ހިނގާފައި ވަނީ އެގައުމާއި އަފްގާނިސްތާނުގެ ގުޅުން ކުރިއަށް ވުރެ ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

އަފްގާނިސްތާނުން ތުހުމަތު ކުރާ ގޮތުގައި ޕާކިސްތާނުން ދަނީ ތާލިބާން ހަނގުރާމަވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ޕާކިސްތާނަށް ހަމަލާ ދޭން ތާލިބާނުންނަށް އަފްގާނިސްތާނުން ފުރުސަތުދޭ ކަމަށް ޕާކިސްތާނުން ތުހުމަތު ކުރެ އެވެ.

އެ ދެ ގައުމުންވެސް އަނެއް ގައުމުގެ ތުހުމަތުތައް ދޮގު ކުރެ އެވެ.

comment ކޮމެންޓް