ފާއިތުވި ތިން އަހަރު ތެރޭގައި ސިއްހީ ދާއިރާ މުޅިން ބަލިކަށިވެއްޖެ: ނާޒިމް

ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް--ސަން ފޮޓޯ/ ފަޔާޒް މޫސާ

ފާއިތުވި ތިން އަހަރު ތެރޭގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް ދިވެހި ރައްޔިތުން ކުރި އިތުބާރު ގެއްލި، އެ ދާއިރާ މުޅިން ބަލިކަށިވެއްޖެ ކަމުގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މި ސަރުކާރަށް ތިން އަހަރު ވެގެން ދިޔައިރުވެސް ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް، ތަރައްގީކުރުމަށް އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތްތަކެއް ނުކުރާ ކަމަށެވެ.

އެކަމުގެ ނަތީޖާއެއްގެ ގޮތުން ސިއްހީ ދާއިރާގައި ހުރި ބާގަނޑުތައް މިއަދު ފެންނަމުން، ހާމަވަމުން އެބަދާ ކަމުގައި ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ބިންމަތީ ބޯޖެހިފައި އޮތް ރާއްޖޭގެ ސިއްހީ ދާއިރާ ކޮޅަށް ތެދުވެ، ހިންދެމިލީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ގެންގުޅުއްވި ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތު ތެރެއިން ސިއްހީ ދާއިރާއަށް ދެއްވި އިސްކަމެއްގެ ސަބަބުން ކަމަށެވެ.

"ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު ކޮންމެ އަތޮޅެއްގައި ނެތް ކޮލިފައިޑް ޑޮކްޓަރެއް. ރައީސް ޔާމީން ވަޑައިގެން ކިތަންމެ ކުޑަ ރަށެއްގަ ވިޔަސް ކޮންމެ ރަށަކަށް ޑޮކްޓަރަކު ލެއްވި. ކޮންމެ ރަށެއްގަ ބޭސް ފިހާރައެއް ހުޅުވި. ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ރަނގަޅުކޮށް އެތަނުގައި މި ރީޖަންގައި ނެތް ވަރުގެ ފިޒިއޮތެރެޕީ ޑިޕާޓްމެންޓެއް ހަދާ ޑައިގްނޮސްޓިކް ލެބެއް ހެދުމުގެ މަސައްކަތް ފެއްޓެވި،" ރައީސް ޔާމީން ސަރުކާރުގެ ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އައްޑޫ ހޮސްޕިޓަލުވެސް ހަމައިސްކޮޅަށް ތެދުވެ ހިނގައިގަތީ ރައީސް ޔާމީންގެ ސަރުކާރުން އެ ހޮސްޕިޓަލަށް ދެއްވި އިސްކަމެއްގެ ނަތީޖާ ކަމަށެވެ.

"އައްޑޫ ހޮސްޕިޓަލްވެސް ފަންކްޝަން ކުރެވުނީ އަޅުގަނޑުމެން ކުރި މަސައްކަތުން. އެތަނުގަ ހުރިހާ ކަމެއްވެސް ހުންނާނީ ނިންމާފަ. އެއަށް ބޭނުންވާ ވަސީލަތް ތަކާ ހުރިހާ އެއްޗެއް ގަތުމަށްޓަކައި ފައިސާވެސް ދައްކާ ހުރިހާ ކަމެއް ނިންމާފަ އޮތް ތަނެއް އެއީ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ އާބާދީ އިތުރުވެ، ގިނަ އަދަދެއްގެ ސިއްހީ ހިދުމަތްތެރިންނަށް ބޭނުންޖެހިފައިވާ މިފަދަ ނުތަނަވަސް ވަގުތު ތަކުގައި މި ސަރުކާރުން ސިއްހީ ދާއިރާއަށް އިހުމާލު ވެފައިވާ މިންވަރު ހާމަ ވަމުން އަންނަ ކަމަށެވެ.

އެގޮތުން ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަކީ ބޮޑު އިސްކަމެއް ދީގެން ކުރަންޖެހޭ ކަމެއް ނަމަވެސް މި ސަރުކާރުން އެކަން އެންމެ އެދެވޭ ގޮތުގައި ކުރަމުން ނުދާކަމަށް ކުރީގެ މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

"ސްޕެޝަލިސްޓުން ތައްޔާރު ކުރުމަށް ސަރުކާރުގެ ހަރަދުގައި މި ތިން އަހަރު އެކަކުވެސް ނުފޮނުވޭ. އަޅުގަނޑުމެން ކްލޯޒް ޓު ސެވެންޓީ މީހުން ފަސް އަހަރު ތެރޭގަ ސްޕެޝަލިސްޓުންނަށް ވުމަށް ދައުލަތުގެ ހަރަދުގައި ފޮނުވިން. ހީފުޅު ވެދާނެ ހަތްދިހައަކީ ހާދަ މަދު އަދަދެކޭ. [އެކަމަކު] އެއީ ވޭތުވި ދިހަ އަހަރުވެސް ރާއްޖޭގަ ނުފޮނުވޭ ވަރު،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ކޮވިޑުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސޯދު އަނދަވަޅަކަށް ވެއްޓިފައިވާ މިފަދަ ތަދު ދުވަސްވަރެއްގައިވެސް ސިއްހީ ދާއިރާއިން ވައްކަން ނޫން އެހެން މަންޒަރެއް ނުފެންނަ ކަމަށެވެ.

"މި ކޮވިޑާ ގުޅިގެން ރާއްޖެއަށް ގާތްގަނޑަކަށް ހަތަރު ބިލިއަނެއްހާ ރުފިޔާގެ އެހީ ލިބުނު ކަމަށް ހިސާބުތަކުން ދައްކަނީ. ނަމަވެސް އެއާ އެއްވަރަށް ހިދުމަތަށް ހެޔޮ ބަދަލެއް ނާދޭ. ވަރަށް ނާއުއްމީދީ ލީޑާޝިޕެއް އިނގޭތޯ،" ނާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް