ނަފްރަތުގެ އަމަލުތައް ހުއްޓުވުމުގެ ނަމުގައި ގާނޫނުލްއުގޫބާތަށް ކޯލިޝަން ސަރުކާރުން ހުށަހެޅި ބިލަށް ތާއީދުކޮށް ވަކާލާތުކުރަނީ ހަމައެކަނި އެމްޑީޕީ އިން ކަމަށް އަދާލާތު ޕާޓީ އިން ބުނެފިއެވެ.
މިރޭ އާންމުކުރި ބަޔާނެއްގައި އަދާލަތުން ބުނީ ނަފްރަތުގެ ބިލާ ދެކޮޅަށް ކޯލިޝަންގެ ތެރޭގައި ހިމެނޭ އެމްޑީޕީ ނޫން ހުރިހާ ޕާޓީއެއް ދެކޮޅުކަމަށެވެ. އަދި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންނާއި ދީނީ އިލްމުވެރިންވެސް ފާޅުގައި މި ބިލާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރަމުން އަންނަ ކަމަށް އެ ޕާޓީން ބުންޏެވެ.
"ރާއްޖޭގެ ރައްޔިތުން ތަމްސީލްކުރާގޮތުން މި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ 120 ކައުންސިލަކުން ވަނީ ބަޔާން ނެރެފަ. 100 އަށްވުރެ ގިނަ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. އެމްޑީޕީ ފިޔަވާ ކޯލިޝަނުގެ ހުރިހާ ޕާޓީއަކާ، އިދިކޮޅު ސިޔާސީ ޕާޓީތަކާއި، ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންވެސް ވަނީ މި ބިލާ މެދު ހުރި ކަންބޮޑުވުންތައް ފާޅުކޮށްފަ،" އަދާލަތުން ބުނެފައިވެއެވެ.
އަދާލަތުން ބުނީ މި ބިލް ހުށަހެޅުމާއެކު އެ ބިލާ މެދު ހުރި ކަންބޮޑުވުންތައް ފާޅުކޮށްފައިވާނެކަމަށެވެ. އެގޮތުން މި ބިލު ބައިނަލްއަގްވާމީ ޖަމިއްޔާއެއްކަމުގައިވާ ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގެ ނަފްރަތު ގެ އަމަލުތައް ހުއްޓުވުމުގެ ގައިޑްލައިނާ ފުށުއަރާކަން ފާހަގަކޮށްފައިވާނެކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ހަމައެއާއެކު މި ބިލުގައި ރާއްޖޭގެ ގާނޫނުތަކާއި އިސްލާމްދީނާ ފުށުއަރާ އެތައް ކަމެއް ހުރިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާނެކަމަށްވެސް އެ ޕާޓީއިން ބުނެފައިވެއެވެ. އަދި މި ކަންކަމާ މަޝްވަރާކޮށް ރަނގަޅު ބިލެއް އެކުލަވާލުމުގެ ޝައުގުވެރިކަން ހުރިކަމުގެ ވާހަކަވެސް އެ ޕާޓީން ކޯލިޝަނުގެ މެދުގައި ހިއްސާކޮށްފައިވާނެކަމަށްވެސް އަދާލަތުން ބުނެއެވެ.
މީގެ އިތުރުން ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާ މަސައްކަތް ފާހަގަކުރާކަމަށް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަމުގައި އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރައްވާ މަސައްކަތްވެސް އެ ޕާޓީ އިން ވަނީ ފާހަގަކޮށްފައެވެ.
އަދާލަތު ޕާޓީގެ ފުރިހަމަ ތާއީދު އޮތީ ރައީސް ސޯލިހަށް ކަންވެސް އެ ޕާޓީން ބުންޏެވެ.
އަދާލަތު ޕާޓީ އިން މިރޭ ބަޔާނެއް ނެރެފައިމިވަނީ ސަރުކާރު ހިންގުމުގައި އަދާލަތުގެ ނުފޫޒު ގަދަކަމާއި އެކަމާ ހިތްހަމަޖެހިވަޑައިނުގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ސަރުކާރުގެ ކޯލިޝަން މެމްބަރެއް ކަމުގައިވާ އަދާލަތު ޕާޓީން ނަފްރަތުގެ ބިލާ ދެކޮޅު ހެދުމާއެކު ސަރުކާރުން ވެސް އެކަމަށް ފަސް ޖެހިފައިވާކަމަށް ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.
އަދި ނަފްރަތުގެ ބިލު ފާސްކުރުމުގެ ހިތްވަރު އެމްޑީޕީ ސަރުކާރުގެ ކިބައިގައި ނުވާނަމަ އެމަނިކުފާނުގެ ތާއީދެއް ސަރުކާރަށް ނެތްކަމަށްވެސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ.