ނަޝީދު އުޅެނީ ސިޔާސީ މަންފާތަކެއް ހާސިލްކުރުމުގެ ދަހިވެތިކަމުގައި: އަދާލަތު

ރައީސް ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ --- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ ސިޔާސީ މަންފާތަކެއް ހާސިލްކުރުމުގެ ދަހިވެތިކަމުގައިކަމަށް އަދާލާތު ޕާޓީ އިން ބުނެފިއެވެ.

މިރޭ ނެރުނު ބަޔާނެއްގައި އަދާލަތުން ބުނީ ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން އަންނަނީ މިނިވަންކަމާއި ހަމަހަމަކަމުގެ ނަމުގައި އަމިއްލަ ފައިދާއަށް މަންފާތަކެއް ހާސިލްކުރުމަށް ކަމަށެވެ. ހަމައެއާއެކު ދިވެހީންނަކީ ހަރުކަށި ފިކުރުގެ ބައެއްގެ ގޮތުގައި ދުނިޔެއަށް ސިފަކުރައްވަން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އަދި އެކަން ހަރުކަށި އިބާރާތުން އެޕާޓީ އިން ކުށްވެރިކުރާކަމަށްވެސް އަދާލަތު ޕާޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އަދާލަތުން ބުނީ ދިވެހީންނަކީ އިންސާފާ ހަމަހަމަކަމަށް ލޯބިކުރާ ބަައެއްކަމަށެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ބަސްބުނެ އިސްލާމީ އުސޫލުތަކުގެ މަތީގައި ދެމިތިބުމަށްވެސް މަސައްކަތްކުރާ ބައެއް ކަމަށް އެ ޕާޓީން ބުންޏެވެ.

"ދިވެހީން ވަނީ މި އުސޫލުތަކުގެ މަތީގައި 800 އަށްވުރެ ގިނަ އަހަރު ހޭދަކޮށްފަ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދިވެހީން ކުރިއަށް ދާނީ މިގޮތުގައި. އަދާލަތު ޕާޓީ އުފެދިގެން އައުމުގެ މައިގަނޑު ބޭނުމަކީ މި އުސޫލުތައް ނެގެހެއްޓުން،" އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދާލަތުން ބުނީ 2015 ވަނަ އަހަރު އެމްޑީޕީ އާއި ޖޭޕީ އަދި އެމްއާރުއެމް އާއެކު ކޯލިޝަން ހެދީ އެއިރުގެ ވެރިކަމުގައި ހިނގާދިޔަ ކަންކަމާމެދު ހިތްހަމަ ނުޖެހުމުން ގައުމު ހަމަމަގަށް އެޅުވުމުގެ ބޭނުމުގައި ކަމަށެވެ.

މީގެއިތުރުން ދިވެހި ރައްޔިތުންނާ ހަމައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިކުމެވަޑައިގަތީ ކޯލިޝަންގެ ޓިކެޓުގައިކަން ވެސް އެ ޕާޓީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އަދާލަތު ޕާޓީއިން މިފަދަ ބަޔާނެއް ނެރެފައިމިވަނީ އެ ޕާޓީއާ ދެކޮޅަށް ބަސްފުޅު ވިދާޅުވެ ރައީސް ނަޝީދު މިއަދު ބަޔާނެއް ނެރުއްވާފައިވަނިކޮށެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ކުރާ މައި ކޯލިޝަންގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީގެ ފަރާތުން ސަރުކާރަށް ލިބުނު ފައިދާއެއް ނެތްކަމަށެވެ.

އަދި ކޯލިޝަންގެ މެމްބަރުންގެ ތެރެއިން ކުޑަ ހިއްސާއެއް އޮންނަ އަދާލަތު ޕާޓީއާ މެދު ރައީސް ސޯލިހު ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމުގެ ކަންބޮޑުވުން އެމަނިކުފާނު ވަނީ ފާޅުކުރައްވާފައެވެ.

comment ކޮމެންޓް