ފުލުހުންގެ އުމްރާނީ ވަސީލަތް ބިނާކުރުމަށް އިންޑިއާގެ ކުންފުންޏަކާއެކު ގިނަ އެއްބަސްވުންތަކެއް

ފުލުހުންގެ އުމްރާނީ ތަރައްގީއަށް 48 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި --- ފޮޓޯ: ޕޮލިސް

ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާ އެކު 48 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ފައުންޑާ އަދި ޗެއާމަން ބުޕޭޝް ނާގަރާޖަން އެވެ.

ފުލުހުން ބުނީ އެ އެއްބަސްވުމުގެ ދަށުން 61 ޕޮލިސް ފެސިލިޓީއާއި، އިމަރާތް ބިނާ ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި، ކ. ދޫނިދޫގައި އިމާރާތްކުރާ ކަސްޓޯޑިއަލް ފެސިލިޓީއާއި މިހާރުވެސް ބޭނުންކުރަމުންދާ ދެ އިމާރާތެއް އުމްރާނީގޮތުން އިތުރަށް ތަރައްގީ ކުރުން ހިމެނެއެވެ. އަދި އަތޮޅު ތެރޭގެ ރަށްރަށުގައި އިމާރާތްކުރާ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓްގެ އިތުރުން އަށް އަތޮޅު ޕޮލިސް ސްޓޭޝަނާއި މާލޭގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް ހިމެނެއެވެ.

ދެ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ސަބަބުން ފުލުހުންގެ މަރުކަޒުތައް ތަފާތު ސަރަހައްދުތަކުގައި ގާއިމުކޮށް، ލާމަރުކަޒީ އުސޫލުން ރައްޔިތުން ބޭނުންވާފަދަ ޒަމާނީ ޑިމޮކްރަޓިކް ހިދުމަތެއް ދިނުމުގެ މަގު ތަނަވަސް ވެގެން ދާނެ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މީހުން ބަންދުކުރެވޭނެ ވަސީލަތްތައް ގާއިމުވެ، އަސާސީ ގޮތުން ފުލުހުންގެ މަރުކަޒުތަކުގައި ހުންނަންޖެހޭ ކަންކަން ފުރިހަމަވެގެން ދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

މަޝްރޫއަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއަން އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާއެކު ވެވޭ ލޯން އެއްބަސްވުމެއްގެ ދަށުން މަޝްރޫއުގެ 85 އިންސައްތަ އެގްޒިމް ބޭނުންކުން ފައިނޭންސް ކުރާގޮތަށެވެ. ބާކީ 15 އިންސައްތަ ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ.

އެ މަޝްރޫއަކީ ބިޑްކުރުމަކާ ނުލައި ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ފުލުހުން ބުނީ އެ މަޝްރޫއު ހިންގުމަށް ދާ ހަރަދާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދިޔަ އެސެސްމަންޓަށް ބަލާއިރު، މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ޕީއެސްއައިޕީގެ ދަށުން ހިންގާފައިވާ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށްވުރެ މި މަޝްރޫއަށް ކުރަނެޖެހޭ ހަރަދު ނިސްބަތުން ކުޑަ ކަމަށެވެ.

comment ކޮމެންޓް