ވެކްސިން ފުރިހަމަކޮށް، ޓެސްޓު ރިޒަލްޓާއެކު ގައިދީންގެ އާއިލާތަކަށް ޖަލަށް ޒިޔާރަތްކުރެވޭނެ

މާފުށިޖަލުގައި ކަރެކްޝަންސްގެ އޮފިސަލުންތަކެއް ހަރަކާތްތެރިވަނީ: މާފުށީގައި މަރުގެ ހުކުމް ތަންފީޒު ކުރާ ތަނެއް ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމާނާފައި --ސަންފައިލް ފޮޓޯ

ގައިދީންނާއި ބަންދު މީހުންގެ އާއިލާ މެމްބަރުންނާއި ވަކީލުން ޖަލަށް ޒިޔާރަތްކޮށް ބައްދަލު ކުރުމުގެ ފުރުސަތު ހާއްސަ އުސޫލެއްގެ ދަށުން ކަރެކްޝަނުން ހުޅުވާލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަން ސާވިސަސް އިން އެކުލަވާލި އާންމު އުސޫލުގައި ބުނެފައިވަނީ ގައިދީންނާއި ބަންދު މީހުންގެ އާއިލާ މެމްބަރުންނާއި ވަކީލުން ޖަލަށް ޒިޔާރަތްކޮށް ބައްދަލުކުރެވޭނީ ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޖެހުމަށް ކަނޑައަޅައިފައިވާ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރި ފަހުން 14 ދުވަސް ހަމަވެފައިވާ ނަމައެވެ.

އުސޫލު ބުނާ ގޮތުން ޖަލަށް ޒިޔާރަތްކުރާ ދުވަހު 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓުގެ ނަތީޖާގެ ނަކަލު ކަރެކްޝަނަށް ހުށަހަޅަން ޖެހެއެވެ.

ކޮވިޑަށް ޕޮޒިޓިވްވެ، ބަލިން ފަސޭހަ ވެފައިވާ ފަރާތެއް ނަމަ ޖެހުނު ދުވަހުން ފެށިގެން 60 ދުވަސް ނުވާކަން އަންގައިދޭ ލިޔުމުގެ އަސްލު ހުށަހަޅަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ޖަލަށް ޒިޔާރަތްކުރާ ނަމަ އެކުއްޖާގެ 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ހުށަހަޅަންވާނެ ކަމުގައިވެސް އުސޫލުގައި ބުނެފައިވެއެވެ.

އުސޫލުގައި ބުނެފައިވަނީ އާއިލާ ބައްދަލުވުމަށް ހުއްދަ ދެވޭނީ އެއްފަހަރާ ގިނަވެގެން އާއިލާގެ ފަސް މެމްބަރުންނަށް ކަމަށެވެ.

މި ފަސް މެމްބަރުން ގުނަންވާނީ ބައްދަލުވުމުގައި ބައިވެރިވާ ކުޑަކުދިންވެސް ހިމަނައިގެން ކަމުގައި ބުނެފައި ވެއެވެ.

ކަރެކްޝަނުން އަލަށް އެކުލަވާލި އާންމު އުސޫލުގައި ބުނެފައިވާ ގޮތުގައި ގާނޫނީ ވަކީލު ބައްދަލުވުމަށް ހުއްދަ ދެވޭނީ ގިނަ ވެގެން އެއްފަހަރާ ތިން ވަކީލުންނަށެވެ.

އުސޫލުގައި ބުނެފައިވަނީ ބައްދަލުވުން ހިނގާ ވަގުތު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް މާސްކު އެޅުމާއިއެކު ގައިދުރުކަން ބަހައްޓަން ވާނެ ކަމަށެވެ.

އުސޫލު ބުނާ ގޮތުން ބޯން ގެންނަ ފެންފުޅި ފިޔަވާ އިތުރު އެއްޗެއް ޖަލު އެތެރެއަށް ވެއްދުމަކީ މަނާ ކަމެކެވެ.

ގައިދީންނާ ބައްދަލު ކުރަން ޖަލަށް ޒިޔާރަތްކުރާ އާއިލާ މީހުން، މި އުސޫލާ ހިލާފު ވެއްޖެނަމަ އެވަގުތަކުން ފެށިގެން ބައްދަލުވުން މެދުކަނޑާލުން ނޫނީ ދެމަސް ދުވަހުގެ ނިޔަލަށް ޖަލަށް ޒިޔާރަތް ކުރުން މަނާ ކުރާނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.

ކަރެކްޝަންސް އިން ބުނީ މާފުށީޖަލާއި އައްސޭރިޖަލުގައި އާއިލީ ބައްދަލުވުންތައް މިހާރު ފަށާފައިވާ ކަމަށެވެ.

މިވަގުތު ކޮވިޑު ނެތް ރަށްރަށުގައި ދިރިއުޅޭ އާއިލާތަކަށް މިހާރު ޖަލުގައި ތިބި އާއިލީ މެންބަރުންނާ ބައްދަލުކުރެވޭނެ ކަމާއި އަދި ހޮނިހިރު ދުވަހުން ފެށިގެން ގައިދީންނަށް އަންނައުނުވެސް އާއިލާތަކަށް ފޮނުވޭނެ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއާ ހަމައަށް ފޯރުމާއި ގުޅިގެން ޖަލުތަކުގައި ތިބި ގައިދީންގެ އާއިލާ ބައްދަލުވުންތައް މެދުކަނޑާލާފައިވަނީ މިދިޔަ މާޗު މަސް ތެރޭގައެވެ.

comment ކޮމެންޓް