މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ 60،000 މީހުން މައްކާއަށް ޖަމާވާން ފަށައިފި

ތަވާފްކުރާތަން (ސަހްނު) ސާފުކުރަނީ

މާތްވެގެންވާ މައްކާ (ޖުލައި 17): ކޮވިޑް-19 ގެ ބިރުވެރިކަން އަދިވެސް އޮތުމުން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ވުމުގެ ފުރުސަތު ދީފައިވާނީ އެންމެ 60,000 މީހުންނަށް ކަމަށާއި އެމީހުން މައްކާއަށް އަންނަމުންދާކަމަށް ސައުދީ އަރަބިއާއިން ބުނެފިއެވެ.

ހައްޖުގެ ކަންތައްތަކާބެހޭ ސައުދީ މަސްއޫލުވެރިން ވިދާޅުވިގޮތުގައި މި 60،000 ހައްޖުވެރިން އިޚްތިޔާރުކޮށްފައިވަނީ ހައްޖުގެ އަޅުކަމަށް އެދި ހުށަހެޅި 558 ހާސް މީހުންގެ ތެރެއިންނެވެ. މީހުން އިޚްތިޔާރުކޮށްފައިވަނީ މިކަމަށް ޚާއްސަ އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިންނެވެ. މި 60،000 މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ ރައްޔިތުންނާއި ސައުދީ ގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މުސްލިމުންނެވެ.

ސައުދީ މަސްއޫލުވެރިން ވިދާޅުވެފައިވާގޮތުން މިއަހަރުގެ ހައްޖުގައި ބައިވެރިވާ 60،000 މީހުންނަކީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނެވެ. ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވިޔަސް ބޮޑެތި ބަލިތައް ތަހައްމަލްކުރާ މީހުން މި 60،000 ހައްޖުވެރިންގެ ތެރޭގައި ނުހިމެނޭނެއެވެ. މި 60،000 މީހުން އިޚްތިޔާރުކޮށްފައިވަނީ މިހާތަނަށް ހައްޖުގެ ފަރުޟު އަދާކޮށްފައިނުވާ މީހުންނަށް އިސްކަން ދީގެންނެވެ.

ގައިދުރުކަން ބަހައްޓައިގެން ޖަމްރާތަކަށް ހިލައުކަނީ

މިފަހަރުގެ ހައްޖުގެ އަޅުކަމުގައިވެސް އިޖްތިމާއީ ގައިދުރުކަން ބަހައްޓަން ޖެހެއެވެ. އަދި ހުރިހާ ވަގުތުތަކެއްގައިވެސް މާސްކް އެޅުން ހައްޖުވެރިންނަށް މަޖްބޫރުވާނެއެވެ. އަދި ކޮވިޑްއާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް މައްކާގެ ހަރަމްފުޅު ތެރޭގައާއި މިނާއާއި މުޒްދަލިފާ އަދި އަރަފާތުގެ ބިމުގައި ހައްޖުވެރިން ތިބޭ ވަގުތުތަކުގައި އަޅަން މަޖުބޫރުވާނެއެވެ.

މިކަމަށްޓަކައި ވާންޖެހޭ ލޮޖިސްޓިކް ތައްޔާރީތަކާއި ސިއްހަތާބެހޭ ތައްޔާރީތައް ހައްޖުގެ މަޝްއަރުތަކުގައި މިހާރުވެސް ގެންދަނީ ވަމުންނެވެ. ހައްޖުވެރިން މިހާރު މައްކާއަށް ޖަމާވަމުންދާއިރު އެމީހުން މައްކާގެ އެތެރެއަށް ވަނުމުގެކުރިން ސިއްހަތާބެހޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ޗެކްޕޮއިންޓްތަކެއްވަނީ ގާއިމްކޮށްފައެވެ.

ހައްޖާއި އުމުރާގެ ކަންތައްތަކާބެހޭ ސައޫދީ ވުޒާރާ ބުނާގޮތުން މިދިޔަ އަހަރުގެ ހައްޖު މޫސުމެކޭ އެއްގޮތަށް މިއަހަރުގެ ހައްޖު މޫސުމުގައިވެސް އެންމެ ބޮޑަށް ރިއާޔަތް ކުރާނީ ކޮވިޑް-19 ގެ ނުރައްކަލުން ހައްޖުވެރިން ސަލާމަތް ކުރުމަށާއި ހައްޖުގެ އަޅުކަމުގެ ތެރެއިން އެރޯގާ ފެތުރުނަ ދިނުމަށްޓަކައި އަޅަންޖެހޭ ސިއްހީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމުގައިވެސް ގެފުޅުގައި އަތްލުމާއި ހަޖަރުލްއަސްވަދުގައި އަތްލުން ވަނީ ސިއްހީ ސަބަބުތަކާ ގުޅިގެން މަނާކޮށްފައެވެ. އަދި ހައްޖުވެރިންގެ ގިނަބަޔަކު އެއްތަނަކަށް އެއްވެ ވާހަކަ ދެއްކުމާއި ބައްދަލުވުންތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. ޖަމްރާތަކަށް ހިލަ އުކާއިރުވެސް އުކުމަށް ހަމަޖެހިފައިބަނީ ސްޓެރިލައިޒް ކޮށްފައިވާ ހިލައެވެ.

ޖަމްރާތަކަށް ހިލަ އުކުމަށް ކޮންމެ ހައްޖުވެރިއަކަށްވެސް ވަކިވަގުތެއްދީ އެވަގުތުގައި ނޫނީ އެކަން ނުކުރެވޭ ގޮތަސްވެސް ވަނީ ހަމަޖައްސާފައެވެ. އަދި އެއްވަގުތަކުން އެއްޖަމްރާއެއްގެ ކައިރީގައި ހިލައުކުމަށް (ޖަމްރާތަކުގެ އިމާރާތުގެ ކޮންމެ ބުރިއެއްގައިވެސް) ވަކިއަދަދަކަށް މީހުން ބޭތިއްބުމާއި ހިލަ އުކާއިރު އެކަކުއަނެކަކާ ދެމެދު ކޮންމެވެސް ވަރެއްގެ ގައިދުރުކަމނެއް ބެހެއްޓުންވެސް މިދޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ހައްޖު މޫސުމުގައިވެސް ހައްޖުވެރިންނަށް ވަނީ ލާޒިމްކޮށްފައެވެ.

މީގެއިތުރުން ހައްޖުގެ އަޅުކަމުގައި އުޅޭ ހުރިހާ ވަގުތެއްގައިވެސް މާސްކް އަޅައިގެން އުޅުމާއި ތަވާފް ކުރާއިރުގައާއި ސަޢްޔު ކުރާއިރު އެކަކު އަނެކަކާދެމެދު ގައިދުރުކަން ބެހެއްޓުންވެސްވަނީ ލާޒިމްކޮށްފައެވެ. މިއަހަރުގެ ހައްޖު މޫސުމުގައި ކޮންމެ ހައްޖުވެރިއަކަށްވެސް ހައްޖުގެ އިންތިޒާމުތަކާބެހޭ ޑިޖިޓަލް ކާޑެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ކޮވިޑް-19 ގެ ބިރުވެރި ވަބާއާ ގުޅިގެން މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައިވަނީ ގާތްގަނޑަކަށް 10،000 މީހުންނެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ 60،000 މީހުންނަށެވެ. ކޮވިޑް ބަލި ދުނިޔޭގައި ފެތުރުމުގެ ކުރިން އާންމު ގޮތެއްގައި 2.5 މިލިއަނާއި 2.6 މިލިއަނާ ދެމެދުގެ އަދަދެއްގެ މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެއެވެ.

comment ކޮމެންޓް