އޮމްބަޑްސްޕާސަންގެ އޮފީހަށް ބޯހިޔާވަހިކަމާ ގުޅޭ ތިރީހަށްވުރެ ގިނަ މައްސަލަ

ޗިފް އޮމްބަޑްސްޕާސަން، އަބްދުއްސަލާމް އާރިފް --

މިދިޔަ މަހުގެ 13 އިން މި މަހުގެ 13 އަށް އިންތިގާލީ އިންސާފުގެ އޮފީހަށް ބޯހިޔާ ވަހިކަމާގުޅޭ 30 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާކަމަށް އެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ބުނީ އެ މުއްދަތުގައި އެ އޮފީހަށް ޖުމްލަ 59 މައްސަލަ އެއް ހުށައަޅާފައިވާކަމަށެވެ. އޭގެތެރޭގައި ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކާއި މުދާ ހޯދައި ލިބިގަތުމުގެ ހައްގާ ގުޅޭ މައްސަލަތައް ހިމެނެއެވެ.

އެ މުއްދަތުގައި ދެވަނަ އަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސައްކަތްކުރުމުގެ ހައްގަށް އުނިކަން އަންނަކަމަށް ބުނެއެވެ. އެގޮތުން ހުށަހަޅާފައިވާ 59 މައްސަލައިގެ ތެރެއިން 20.34 ޕަސެންޓަކީ މަސައްކަތްކުރުމުގެ ހައްގަށް އުނިކަން އައިސްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކެވެެ.

މީގެ އިތުރުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާފައިވާކަމަށްބުނެ ވެސް އެ އޮފީހަށް ގިނަ އަދަދެއްގެ މައްސަލަ ވަނީ ހުށަހަޅާފައެވެ.

އިންތިގާލީ އިންސާފުގެ އޮފީސް އުފެދިގެން ދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހެވެ.

އަދި މިއަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާވަނީ އެ އޮފީހަށް ޗީފް އޮމްބަޑްސްޕާސަނަކާއި، ދެ އޮމްބަޑްސްޕާސަނުން އައްޔަންކުރައްވާފައެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ މަގްސަދަކީ ދައުލަތުގެ މުއައްސަސާތަކުން، ދިވެހިރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ދެނެގަތުމެވެ. އަދި އެފަދަ ކަންތައްތައް ތަހުގީގުކޮށް ހަގީގަތާ ހަމައަށް ވާސިލްވުމެވެ.

comment ކޮމެންޓް