ކުޅުދުއްފުށި ސިޓީއަކީ މުޅި ސަރަހައްދުގައި މުހިންމު ދައުރެއް އަދާކުރާ ސިޓީއެއް ކަމަށާއި އެހެންކަމުން ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ހާއްސަ ސަމާލުކަމެއް ސަރުކާރުންދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ހދ. އަތޮޅުގެ ތިން ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކުޅުދުއްފުށި ސިޓީއަކީ އެ ސަރަހައްދުގައި ފުޅާ ދާއިރާ އެއްގައި ހިދުމަތް ފޯރުކޮށްދޭ މުހިންމު ތަނެއްކަން ފާހަގަ ކުރެއްވިއެވެ.
އަދި ހާއްސަ ގޮތެއްގައި ރީޖަނަލް ހޮސްޕިޓަލަށް ސަރުކާރުން ހާއްސަ ސަމާލުކަންދޭކަން ފާހަގަކުރައްވައި ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދުގައި ތަރައްގީކުރާ ފަސް ޓާޝަރީ ހޮސްޕިޓަލް ގާއިމު ކުރުމުގެ ސަބަބުން ސިއްހީ ހިދުމަތްތައް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދިއުމާއެކު އިތުރު އެތައް ފައިދާތަކެއް ވާނެ ކަމުގައި ވިދާޅުވިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާ އެކު ބޭއްވެވި މި ބައްދަލު ކުރެއްވުމުގެ ކުރިން ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކި ހިދުމަތްތައް ދޭ ތަންތަނަށް ޒިޔާރަތްކުރައްވައި އެ ހޮސްޕިޓަލުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވައި ލައްވާފައެވެ.