7،100 ސާމްޕަލްއިން ކޮވިޑަށް ޕޮޒިޓިވްވީ 114 މީހުން

ޖުލައި 15، 2021: މާލެ ސަރަހައްދުގައި ކޮވިޑަށް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ފަޔާޒް މޫސާ

ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ ނެގި ކޮވިޑަށް ޓެސްޓުކުރުމަށް 7،000 އަށްވުރެ ގިނަ ސާމްޕަލް ނެގި ކަމަށާއި އޭގެ ތެރެއިން ޕޮޒިޓިވްވީ އެންމެ 114 މީހަކު ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއިން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ އެންމެ 18 މީހުންނެވެ.

އަތޮޅުތެރޭ އެހެން ރަށްރަށުން 82 މީހުން ޕޮޒިޓިވްވިއިރު ރިސޯޓުތަކުން ނުވަ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ތަރައްގީކުރަމުން އަންނަ ރަށްރަށުން މިއަދުވެސް ފަސް ކޭސް ވަނީ ފެނިފައެވެ.

މި ކޭސްތަކާއެކު ރާއްޖޭގެ ޖުމްލަ އެކްޓިވް ކޭސް މިވަގުތު ހުރީ 2،578 ގަ އެވެ. މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ކޮވިޑަށް ފަރުވާ ދެމުންދަނީ 11 މީހަކަށެވެ. އަދި ޖުމްލަ ފެނުނު ކޭސްތަކުގެ އަދަދު މިވަނީ 75،736 އަށް އަރައިފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނަކީ ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ ނެގި 7،101 ސާމްޕަލްއިން ޕޮޒިޓިވްވި މީހުންނެވެ. މިއީ މިފަހުން އެންމެ ގިނައިން ކޮވިޑަށް ސާމްޕަލް ނެގި އެއް ދުވަހެވެ.

އެޗްޕީއޭގެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ 97 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ. އެއާއެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު މިވަނީ 72،930 އަށް އަރައިފައެވެ.

ބަލި ޖެހިގެން ޖުމްލަ 216 މީހަކު ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

comment ކޮމެންޓް